05 Aug 2014, 16:01
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ދެގައުމުން ކުރާ ކަމެއްގެ ގޮތުގައިބޭއްވުމަށް ރާއްޖެއާ އެކު މަސައްކަތްކުރާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާ ސަރުކާރުން ޅ. މާފިލާފުށީގައި ގާއިމްކުރާ ކޮމްޕޮޒިޓް ޓްރޭނިން ސެންޓަރްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރުމަށް ވެލާނާގޭ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރަޖީވު ޝަހާރޭ ވިދާޅުވީ ދިފާއީ ދާއިރާއަކީ ރާއްޖެއާ އިންޑިއާ ދެމެދު އޮންނަ ގުޅުމުގެ މުހިންމުބައެއް ކަމަށެވެ.
" ... އަޅުގަނޑުމެން ހިއްސާކުރަނީ އެއް ކަނޑެއް، އެއީ އިންޑިއާ ކަނޑު، އެއީ ދެގައުމަށް ވެސް ވަރަށް މުހިއްމު ތަނެއް، އިންޑިއާ ކަނޑުގެ ކަންތައްތައް، ޚާއްސަކޮށް ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަކީ ދެގައުމުން ކުރާ ކަމަކަށް ހަދަން، ރާއްޖެއާ ގުޅިގެން އަޅުގަނޑުމެން އެ މަސައްކަތް ކުރާނަން،" ޝަހާރޭ ވިދާޅުވިއެވެ.
ޅ. މާފިލާފުށީގައި ބިނާކުރާ ކޮމްޕޮޒިޓް ޓްރޭނިން ސެންޓަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަން ކުންފުންޏާ މިއަދު ހަވާލުކުރީ އަށް މަސްދުވަހުގެ ނިންމާ ގޮތަށެވެ. އެމަޝްރޫއުގެ އަގަކީ 91،471956.07 ( ނުވަދިހަ އެއްމިލިޔަން ހަތަރުސަތޭކަ ހަތްދިހަ އެއްހާސް ނުވަސަތޭކަ ފަންސާސްހަތް ލާރި)އެވެ. މަސައްކަތުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ނާޒިމެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރް ރާޖީވް ޝަހާރޭއެވެ. އެލިއާ ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރް މުހައްމަދު އަތޯ އަލީ އެވެ.
މާފިލާފުށީ ކޮމްޕޮޒިޓް ޓްރޭނިން ސެންޓަރްގެ ފުރަތަމަ ފިޔަވަހީގެ ބިނާކުރާނީ ޓްރޭނިން ސެންޓަރާއި އެކޮމޮޑޭޝަން ތިން ބްލޮކާއި އެޑްމިނިސްޓްރޭޓިވް ބެރެކާއި ފަޔަރިން ޝެޑަކާއި ހެލްތުޕޯސްޓަކާއި އޮބްސްޓެކްލް ބެލްޓާއި ދެ ރެކްރިއޭޝަން ބިލްޑިންގެވެ. އަދި އެތަންތަނަށް ބޭނުންވާ ކަރަންޓާއި ނަރުދަމާގެ މަސައްކަތް ވެސް މިފިޔަވަހީގައި ކުރާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުން ޑިފެންސް މިނިސްޓަރް މުހައްމަދު ނާޒިމް ވިދާޅުވީ ކޮމްޕޮޒިޓް ޓްރޭނިންސް ސެންޓަރް ބިނާކޮށް ނިމުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑާއި މެރިންކޯގެ ޓްރޭނިން އެއްފަހަރާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ކޮމްޕޮޒިޓް ޓްރޭނިން ސެންޓަރްގެ ބިންގާ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އަޅާފައެވެ. އެތަނުގެ ބިންގާ އަޅުއްވައިދެއްވީ އިންޑިއާގެ އޭރުގެ ޑިިފެންސް މިނިސްޓަރް އޭކޭ އެންތަނީއެވެ.