އަލަށް އަމަލު ކުރަން ފެށި ފެހި ގާނޫނުއަސާސީއާ ތައާޒުވާ ގާނޫނުތަކުގެ މާއްދާތައް އިސްލާޙް ކުރުމަށް ހުށަހެޅި ބިލްތައް މަޖިލީހަށް ބަލައިގެންފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ގާނޫނުއަސާސީއާ ތައާރުޒުވާ ތިން ބިލެއް ބަލައިގެންފަ އެވެ.

މިއަދު ބަލައިގަތް ބިލްތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހަޅުއްވާފައިވާ، ހަތް ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ހައްޔަރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގާނޫނު އުވާލުމުގެ ބިލު ހިމެނެއެވެ. އެ ބިލު ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ބަލައިގަތުމާ ގުޅިގެން ދިރާސާކުރުމަށްޓަކައި ގައުމީ ސަލާމަތުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ، ބައެއް ގާނޫނުތައް އިސްލާޙުކުރުމުގެ ބިލު ވެސް ވަނީ މިއަދު ބަލައިގެންފިއެވެ. އެ ބިލު މަޖިލިހަށް ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 61 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ތިން މެންބަރުން ވޯޓު ދެއްވާފައިވާއިރު، ވަކިކޮޅަކަށް ތިން މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.

މީގެިއތުރުން ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ވެސް މިއަދު ވަނީ ބަލައިގެންފައެވެ. ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވީ 62 މެންބަރުންނެވެ. އެ ބިލް ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓު ދެއްވާފައިވާއިރު ފަސް މެންބަރުން ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

އެ ބިލު ބަލައިގަތުމާގުޅިގެން ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފަ އެވެ.