05 Aug 2014, 15:30
އިންޑިއާ ސަރުކާރުން ޅ. މާފިލާފުށީގައި އަޅާ ކޮމްޕޮޒިޓް ޓްރޭނިންސް ސެންޓަރު ވެގެންދާނީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ފާހަގަކޮށްލެވޭ ރަމްޒަކަށް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ކޮމްޕޮޒިޓް ޓްރޭނިން ސެންޓަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރުމަށް ވެލާނާގޭ ކޮންފަރެންސް ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރް ނާޒިމް ވިދާޅުވީ އެ ސެންޓަރު ގާއިމްކުރުމަކީ ދެގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުމުގެ ރަމްޒެއް ކަމަށެވެ.
"... މި މުހިންމު މަސައްކަތަށް އިންޑިއާއިން ވެދޭ އަގުބޮޑު އެހީއަށް ޓަކައި އިންޑިއާގެ ރައްޔިތުންނަށާއި ސަރުކާރަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަޅުގަނޑަށް ޔަގީން މިބިނާ ހުންނާނީ އިންޑިއާ ރާއްޖެއާ ދެމެދު، ޚާއްސަކޮށް ދިފާއީ ދާއިރާއިން އޮތް ގުޅުމަށް ހެކިވާ، ފާހަގަކޮށްލެވޭ ރަމްޒަކަށް ކަން،" ނާޒިމު ވިދާޅުވިއެވެ.
ޅ. މާފިލާފުށީގައި ބިނާކުރާ ކޮމްޕޮޒިޓް ޓްރޭނިން ސެންޓަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަން ކުންފުންޏާ މިއަދު ހަވާލުކުރީ އަށް މަސްދުވަހުގެ ނިންމާ ގޮތަށެވެ. އެމަޝްރޫއުގެ އަގަކީ 91،471956.07 ( ނުވަދިހަ އެއްމިލިޔަން ހަތަރުސަތޭކަ ހަތްދިހަ އެއްހާސް ނުވަސަތޭކަ ފަންސާސްހަތް ލާރި)އެވެ. މަސައްކަތުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ނާޒިމެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރް ރާޖީވް ޝަހާރޭއެވެ. އެލިއާ ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރް މުހައްމަދު އަތޯ އަލީ އެވެ.
މާފިލާފުށީ ކޮމްޕޮޒިޓް ޓްރޭނިން ސެންޓަރްގެ ފުރަތަމަ ފިޔަވަހީގެ ބިނާކުރާނީ ޓްރޭނިން ސެންޓަރާއި އެކޮމޮޑޭޝަން ތިން ބްލޮކާއި އެޑްމިނިސްޓްރޭޓިވް ބެރެކާއި ފަޔަރިން ޝެޑަކާއި ހެލްތުޕޯސްޓަކާއި އޮބްސްޓެކްލް ބެލްޓާއި ދެ ރެކްރިއޭޝަން ބިލްޑިންގެވެ. އަދި އެތަންތަނަށް ބޭނުންވާ ކަރަންޓާއި ނަރުދަމާގެ މަސައްކަތް ވެސް މިފިޔަވަހީގައި ކުރާނެއެވެ.
މިނިސްޓަރް ނާޒިމް ވިދާޅުވީ ކޮމްޕޮޒިޓް ޓްރޭނިންސް ސެންޓަރް ބިނާކޮށް ނިމުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑާއި މެރިންކޯގެ ޓްރޭނިން އެއްފަހަރާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ކޮމްޕޮޒިޓް ޓްރޭނިން ސެންޓަރްގެ ބިންގާ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އަޅާފައެވެ. އެތަނުގެ ބިންގާ އަޅުއްވައިދެއްވީ އިންޑިއާގެ އޭރުގެ ޑިިފެންސް މިނިސްޓަރް އޭކޭ އެންތަނީއެވެ.