ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ރަހުމް ކުޑަ ލާއިންސާނީ އަނިޔާތަކުގައި އަނިޔާ ލިބެމުންދާ ރައްޔިތުންނަށް އެހީވުމަށް ށ.އަތޮޅު ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ މުއައްޒަފުންގެ އެއް ދުވަހުގެ މުސާރަ ޣައްޒާ ފަންޑަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

ށ. އަތޮޅު ކައުންސިލުން ބުނީ އެގޮތަށް ނިންމާފައިވަނީ ކައުންސިލަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މުއައްޒަފުން ވެސް އެއްދުވަހުގެ މުސާރަ ޣައްޒާ ފަންޑަށް ދިނުމަށް އިއްތިފާގުވެފައިވާ ކަމަށެވެ. އެ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ދިވެހި މީޑިއާ އިން އިސްނަގައިގެން ޣައްޒާ އަށް އެހީ ހޯދުމަށް ކުރިއަށް ގެންދާ "މަވެސް އެހީވާނަން" ޓެލެތޯންގެ ޕްރޮގްރާމްގެ ތެރޭގައި ހިމަނައިގެން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ށ.ފުނަދޫ ކައުންސިލުން އިސްނަގައިގެން ޣައްޒާ ފަންޑަށް ފައިސާ ހޯދުމަށް މި މަހުގެ 8 އަދި 9 ވަނަ ދުވަހު ހިންގާ ބައެއް ޕްރޮގްރާމްތަކުގައި ށ.އަތޮޅު ކައުންސިލުގެ ނަމުގައި ބައިވެރިވުމަށް ވެސް ވަނީ ނިންމާފައެވެ.