05 Aug 2014, 14:36
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކުގެ ސަބަބުން އަނިޔާ ލިބެމުންދާ ގާޒާގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތައް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ފަންޑް ރައިިސް ހަރަކާތުގެ ކައުންޓްޑައުން ފަށައިފި އެވެ.
ރާއްޖޭގެ ޓީވީ ޗެނަލްތަކާއި ރޭޑިއޯތަކާއި އޮންލައިން ނޫސްތައް މެދުވެރިކޮށް މިއަދު މެންދުރު 2:30 ގައި ފެށި މި ކައުންޓްޑައުން، އެއް ގަޑިއިރަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމްގައި "ހެލްޕް ގާޒާ ޓެލެތޯން" އާ ގުޅޭ ގިނަ މައުލޫމާތުތަކެއް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ޓެލެތޯން ޝޯވް ގެ މި ކައުންޓްޑައުން މިއަދާއި މާދަމާ އަދި އޭގެ އަނެއް ދުވަހު ވެސް އެއް ގަޑިއިރަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ހެލްޕް ގާޒާ މޯލްޑިވްސްއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ 'ހެލްޕު ގާޒާ ޓެލެތޯން' ކައުންޓްޑައުން މިއަދު ފަށާއިރު ރާއްޖޭގެ އެކިއެކި ސަރަހައްދުތަކާއި ރަށްރަށުގައި 'ހެލްޕް ގާޒާ ޓެލެތޯން' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމުގައި އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ބުނެފައިވެ އެވެ.
'ހެލްޕް ގާޒާ ޓެލެތޯން' ހިނގަމުންދާއިރު އެކިއެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ފަންޑު ފޮށިތަކަށާއި، އެސްއެމްއެސް މެދުވެރިކޮށާއި ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ އެ ފަންޑުގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.
'ހެލްޕް ގާޒާ ޓެލެތޯން' ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ރަށްރަށުން އެކަން ބަޔާންކޮށް 'ހެލްޕް ގާޒާ ޓެލެތޯން' ގެ ފެކްސް ނަމްބަރު 3315384 އަށް ސިޓީ ފޮނުވުމުގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފަ އެވެ.