14 Jan 2011, 14:40
ޖުޑީޝަލް ސާވިސަސް ކޮމިޝަނަށް [ޖޭއެސްސީ]އަށް ރައީސް އައްޔަން ކުރައްވާފައި ހުންނެވި އެ ކޮމެޓީގެ މެންބަރު އައިޝަތު ވެލެޒިނީ ދައުލަތުގެ އެންމެ މަތީ ފަންތީގައި ތިއްބެވި ބައެއް ބޭފުޅުންގެ މައްޗަށް ހަތަރު ޖިނާއީ މައްސަލައެއް ތުހުމަތުކޮށް ފުލުހުންނަށް އިއްޔެ ހުށަހަޅުއްވައިފި އެވެ.
ފުލުހުންގެ އިދާރާ އަށް ވެލެޒިނީ ހުށަހަޅުއްވާފައިވާ ހަތަރު ޖިނާއީ މައްސަލައަކީ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ފަޑިޔާރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލަ އާއި ވެލެޒިނީ އާ ގުޅޭ ގޮތުން ހަދައިގެން ދޮގުވާހަކަ ދެއްކުމާއި ގާނޫނު އަސާސީން އުފެދިފައިވާ މިނިވަން މުއައްސަސާތަކަށް ހުރަސްއެޅުމާއި އަދި ޖޭއެސްސީ ބޭނުންކޮށްގެން ދައުލަތާ އިދިކޮޅު ހަރަކާތްތައް ހިންގުމާއި ހިންގަވަން މަސައްކަތް ކުރުމުގެ މައްސަލަ އެވެ.
ވެލެޒިނީ އިއްޔެ ފުލުހުންނަށް ހުށަހެޅުއްވި އެ ސީޓީގައި އެ މައްސަލަ ސީދާ ރައްދުވާ ހަ ފަރާތެއްގެ ނަންފުޅުތައް ފާހަގަކޮށްފައިވެ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަޑިޔާރު އަލްއުސްތާޒު އާދަމް މުހަންމަދު އަބްދުﷲ އާއި ރައްޔިތުން މަޖިލީހުގެ މެންބަރު ޑރ. އަފްރާސީމް އަލީ އާއި ޖިނާއީ ކޯޓުގެ ފަޑިޔާރު އަބްދުﷲ ދީދީ އާއި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އިންތިގާލީ ސުޕްރީމް ކޯޓުގެ ފަޑިޔާރު މުޖްތާޒު ފަހުމީ އާއި އަދި ސިވިލްސާވިސް ކޮމިޝަނުގެ މެންބަރު ޑރ. މުހަންމަދު ލަތީފެވެ.
އިއްޔެ މެންދުރު 2:30 ގައި ފުލުހުންގެ އިދާރާއަށް ހުށަހެޅުއްވި އެ ސިޓީގައި ވެލެޒިނީ އެ ކުރައްވާ ތުހުމަތުތަކަށް ވީޑިއޯ އަދި އޯޑިއޯ ރެކޯޑިންތަކާއި ބައެއް ލިޔެކިޔުންތައް ހެކީގެ ގޮތުގައި ހުށަހަޅުއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ ކޯޑިނޭޓާ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވީ ވެލެޒިނީ ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.
ވެލެޒިނީ ވިދާޅުވީ އެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބައްލަވަން ޖެހޭ މައްސަލަތަކެއް ކަމަށެވެ.
"އެއީ ވަރަށް ސީރިއަސް މައްސަލަތަކެއް. އެއީ ނޫސްވެރިންނަށް ގައުމުގެ ރައްޔިތުންނަށް ވަގަށް އެބޭފުޅުން އެތާކުރާ ކަންތައްތައް،" ވެލެޒިނީ ވިދާޅުވި އެވެ.