05 Aug 2014, 14:30
މި ޒަމާނުގެ ފުޓްބޯޅައިގެ މިސާލެއްގެ ގޮތުގައި ޖަރުމަނު ފޯވަޑް ތޯމަސް މުލާ ބަލައިގަތުމަށްއާސެނަލްގެ ކުރީގެ ތަރި ތިއެރީ އޮންރީ ބުނެފި އެވެ.
މިދިޔަ މަހު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ލިއޮނެލް މެސީގެ އާޖެންޓީނާ ބަލިކޮށް، ޔޯކިމް ލޯގެ އިރުޝާދުގެ ދަށުން ކުޅުނު ޖަރުމަނު ޓީމު ޗެމްޕިއަންކަން ހޯދި އިރު، އެ ޓީމުން އެންމެ ފާހަގަކޮށްލެވުނު އެއް ކުޅުންތެރިއަކީ މުލާ އެވެ.
މި ހަފްތާގައި ބަޔާން މިއުނިކާ ދެކޮޅަށް އެމެރިކާ ލީގު އޯލް ސްޓާސް ޓީމާއެކު ނިއު ޔޯކް ރެޑް ބުލްސްއަށް ކުޅޭ އޮންރީ ނުކުންނަ އިރު، އޭނާ ދެކޭގޮތުގައި މިހާރު ބަޔާން އަދި ދުނިޔޭން ވެސް އެންމެ ފާހަކޮށްލެވޭ ކުޅުންތެރިއަކީ މުލާ އެވެ. އަދި އެއީ ދަނޑުމަތީގައި ޖާދޫތައް ދައްކާ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި މެސީ ނޫން ކަމަށް ވެސް އޮންރީ ވަނީ ސިފަކޮށްފަ އެވެ.
"ސްޓެޕްއޯވާސް، ޓްރިކްތައް، އެއީ ފުޓްބޯޅަ ގޭމްގެ ބައެއް ނޫން،" ނޫސް ކޮންފަރެންސެއްގައި ވާހަކަދައްކަމުން އޮންރީ ބުންޏެވެ. "ގޭމަކީ މުލާ އެ ކުރަމުންދާ ކަންތައް. އަހަރެންގެ ދަރިއެއް މިހާރު ފުޓްބޯޅަ ކުޅޭ ނަމަ، އެ ކުއްޖެއް ކައިރީ އަހަރެން ބުނާނީ މިސާލެއްގެ ގޮތުގައި މުލާ އާއި ފްރޭންކް ރިބެރީގެ ކުޅުން ދެކުމަށް. ރޮނާލްޑޯ އާއި މެސީ ކުޅޭ ކުޅުން ކުޅުމަކަށް ނުވޭ. އެމީހުން ކުޅޭ ގޮތް ކޮޕީ ނުކޮށް، މުލާ އާއި ރިބެރީގެ ކުޅުން ކޮޕީ ކުރުން އެދެން."
އޮންރީ ބުނީ، ވޯލްޑް ކަޕުގައި މުލާ ދެއްކި މޮޅު ކުޅުން ފާހަގަކޮށް އެ ވާހަކަތައް މީހުން ދައްކަމުން ނުދާ ކަމަށާއި މުލާއަކީ އެޓޭކް އަދި ޑިފެންސްގައި ވެސް ބައިވެރިވާ ކުޅުންތެރިއެއް ކަމަށެވެ.
އެމްއެލްއެސް އޯލް ސްޓާސް ޓީމު ބަޔާންއާ ދެކޮޅަށް ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ޕްރޮވިޑެންސް ޕާކްގައި ކުޅޭ އެ މެޗު ފަށާނީ އަންނަ ބުރާސްފަތި ދުވަހު ރާއްޖޭ ގަޑިން ހެނދުނު 6:00 ގައެވެ.