05 Aug 2014, 14:21
އަންނަ މަހުގެ އެކަކުން ފެށިގެން ވިއްކާ ބިންތަކާއި ފުލެޓްތަކުން ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) ނަގަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވުމުން، ސަރުކާރުން ވިއްކާ ބިންތަކާއި ފުލެޓުތަކުން ޖީއެސްޓީ ނެގުންއިސްތިސްނާ ކުރުމަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުން ބަލައިގެންފި އެވެ.
ބިލް ބަލައި ގަންނަން ފެންނަ ކަމަށް ވޯޓް ދެއްވީ 58 މެންބަރުންނެވެ. އަދި ނުފެންނަ ކަަމަށް އެއް މެންބަރަކު ވޯޓް ދެއްވިއިރު ވަކިކޮޅަކަށް ވޯޓް ނުދެއްވާ ހަތަރު މެންބަރުން ތިއްބެވި އެވެ. އެ ބިލް ބަލައިގަތުމުން ބިލް ވަނީ އިތުރަށް ދިރާސާ ކުރުމަށްޓަކައި މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވާފަ އެވެ.
ސަރުކާރު ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލްގެ މަގުސަދު ކަމުގައި ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން ވިއްކާ ބިންތަކާއި ފުލެޓްތަކުން ޖީއެސްޓީ ނެގުން އިސްތިސްނާ ކުރަންޖެހޭނެ ކަމަށެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް، ޖީއެސްޓީ ނެގުން އިސްތިސްނާވާ ދެ ހާލަތެއް ބަޔާންކޮށްފަ އެވެ. އެއީ ސަރުކާރުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ވިއްކާ ބިންތަކާއި ފުލެޓުތަކުން ޖީއެސްޓީ ނުނެގޭނެ ކަމަށެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މިއަހަރުގެ ފެބްރުއަރީ މަހު މަޖިލީހުން ގެނެސްފައިވާ ފުރަތަމަ އިސްލާހުގައިވާ ގޮތުން ޖޫން މަހުން ފެށިގެން ނުއުފުލޭ މުދަލުގެ ތެރޭގައި ހިމެނޭ ގޯތިގެދޮރާއި ބިންތައް ގަނެވިއްކާނަމަ ޖީއެސްޓީ ނަގަންޖެހެ އެވެ.