05 Aug 2014, 13:56
ޝަރުއީ ކޯޓެއްގެ އަމުރަކާއި ނުލައި ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުން އަންގާ އެންގުމަކަށް މީހެއްގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހެ މަޖިލީހުން ބަލައިގެންފި އެވެ.
ބިލް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ 45 މެންބަރުންނެވެ. ނުފެންނަ ކަމަށް 19 މެންބަރަކު ވޯޓް ދެއްވިއިރު ވަކިކޮޅަކަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފަ އެއް ނުވެއެވެ. މިހާރު ވަނީ އެ ބިލް ދިރާސާ ކުރުމަށް ގައުމީ ސަލާމަތު ކޮމެޓީ އަށް ފޮނުވާފަ އެވެ.
އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހީމް ރިޒާ އެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ޕާސްޕޯޓު ހިފެހެއްޓުމުގެ ބާރު ފުލުހުންގެ އިތުރުން ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ މިނިވަން މުއައްސަސާތަކަށް ލިބިގެންދާނެ އެވެ.
އެ ބިލުގައިވާ ގޮތުން ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުން އަންގާ އެންގުމަކަށް މީހެއްގެ ޕާސްޕޯޓް ހިފެހެއްޓޭނީ ގިނަވެގެން 24 ގަޑިއިރަށެވެ. އަދި 24 ގަޑިއިރަށްވުރެ، އިތުރު މުއްދަތަކަށް ފާސްޕޯޓް ހިފެހެއްޓޭނީ ޝަރުއީ ކޯޓެއްގެ އަމުރަކުން ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ކޯޓެއްގެ އަމުރަކަށް ނުވަތަ ތަހުގީގު ކުރުމުގެ ބާރު ގާނޫނެއްގެ ދަށުން ލިބިދީފައިވާ ފަރާތަކުން އަންގާ އެންގުމަކަށް މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން ޖެހިއްޖެނަމަ އެ ޕާސްޕޯޓް ހިފެހެއްޓުމުގެ ބާރު ލިބިދެނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށެވެ.
މިހާރު އަމަލު ކުރަމުންދާ ގޮތުން މީހުންގެ ޕާސްޕޯޓް ހިފަހައްޓަނީ ކޯޓު އަމުރެއް ނުވަތަ ހުކުމަކުންނެވެ. މީސްމީހުންގެ ޕާސްޕޯޓް ހިފަހައްޓަނީ ޖީނާއީ ނުވަތަ މަދަނީ ތުހުމަތުތަކެއް ކުރެވިފައިވާ މީހަކު ރާއްޖެއިން ބޭރަށް ފިލައިގެން ދިއުން ހުއްޓުވުމަށެވެ.
ބިލްގެ ބަހުސް މަރުހަލާގައި ސަރުކާރާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ ސަރުކާރުން އެފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ ސަރުކާރަށް ފާޑުކިޔައި ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކާ މީހުން ހިފާ ހައްޔަރުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ހުރިހާ ބާރުތަކެއް ސަރުކާރުގެ މުށުތެރެއަށްލައި އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުން ކަމަށް ވެސް އެމްޑީޕީގެ މެމްބަރުން ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ޕީޕީއެމްގެ މެންބަރުން ވިދާޅުވީ ސަރުކާރުން އެފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ ކޯޓުތަކަށް ފިލައިގެން އުޅޭ މީހުންނާއި ބޮޑެތި ކުށްކުރާ މީހުން ރާއްޖެއިން ފިލައިގެން ދިއުން ހުއްޓުވުން ކަމަށެވެ. އަދި އެފަދަ މީހުން ހޯދައި ހައްޔަރުކޮށް އިންސާފްގެ ކުރިމައްޗަށް ގެނައުމަކީ ވެސް އެފަދަ އިސްލާހެއް ހުށަހެޅުމުގެ ބޭނުމެއް ކަަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.