05 Aug 2014, 13:34
ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ ދެ ވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގެ ގުރުލުން ބާއްވައިފި އެވެ.
ޖުމްލަ ހަ ޓީމެއް ބައިވެރިވި މި މުބާރާތުގެ ގުރުލުން ބޭއްވީ ރޭ ގަލޮޅު މަދަރުސާގައެވެ. އެއީ އަންހެން ތިން ޓީމާއި ފިރިހެން ތިން ޓީމެވެ.
މި މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ބައިވެރިވެފައި ވަނީ ފިރިހެން ހަތަރު ޓީމާއި އަންހެން ހަތަރު ޓީމެވެ. ނަމަވެސް ފަހުން ދެ ޓީމެއް ވަނީ މުބާރާތުގައި ބައިވެރިނުވާ ގޮތަށް އެ ދެ ޓީމުގެ ނަން ގެންގޮސްފަ އެވެ. ކުރިން ގައުމީ ހޭންޑްބޯލް މުބާރާތް މި މަހުގެ ހަތްވަނަ ދުވަހު ފަށާގޮތަށް އޮތް ނަމަވެސް، މިިހާރު އެ މުބާރާތް ފަށާގޮތަށް އޮތީ މި މަހުގެ ދިހަ ވަނަ ދުވަހު އެވެ.
ދެ ޑިވިޝަނަކަށް ކުޅޭ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައި ވަނީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި، ޔޫތު ސްޕޯޓްސް ކްލަބު އަދި ރައިސަސް ސްޕޯޓްސް ކްލަބެވެ. އަދި އަންހެން ޑިވިޝަނުގައި ބައިވެރިވި ތިން ޓީމަކީ ޔޫތު ސްޕޯޓްސް ކްލަބާއި، ރައިސަސް ސްޕޯޓްސް ކްލަބު އަދި ސްޕޯޓްސް ކްލަބު ރިވަލްސާ އެވެ.
މި މުބާރާތުގެ ކޮންމެ ޑިވިޝަނެއްގައި ހިމެނޭ ކޮންމެ ޓީމެއް ދެ މެޗު ކުޅޭނެ އެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ސްޕޮންސާގެ ކަންތައް ހަމަޖެހިފައި ނުވާތީ މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ދޭ ގޮތަށް ހަމަޖެހިފައި ނުވާކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ. ނަމަވެސް މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑެލް ލިބޭ އިރު، ރަނަރަޕް ޓީމަށް މެޑެލް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ހަތް ދުވަހުގެ މުއްދަތައް ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ އޭޝިއަން ގޭމްސްގައި ބޭނުންކުރާ ބޯޅައިންނެވެ.