ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އަލަށް އައްޔަން ކުރެއްވި އަލްއުސްތާޛު މުހުތާޒު މުހުސިން، ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އާއި ފުލުހުންގެ ސީނިއާ އޮފިސަރުންނާ ބައްދަލުކުރައްވައިފި އެވެ.

އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި އެ ބައްދަލުވުމަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޛު މުހުތާޒް މުހުސިން އައްޔަންކުރެއްވުމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އާއި ފުލުހުންގެ ސީނިއާ އޮފިސަރުންނާ ބައްދަލުކުރެއްވުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ.

އިއްޔެ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ފުލުހުންގެ ތަހުގީގު މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކުރުމާ ގުޅޭގޮތުންނާއި ތަހުގީގު ނިންމުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާ މައްސަލަތައް އަވަހަށް ޝަރީއަތަށް ހުށަހެޅުމާއި ގުޅޭގޮތުންނެވެ. އަދި ޕީޖީ އޮފީހަށް މައްސަލަތައް ފޮނުވާއިރު ޝަރީއަތަށް ހުށަހެޅުމަށް ފަސޭހަވާނެ ގޮތަށް މައްސަލަތައް ހުށަހެޅުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ ޕީޖީ މުހުތާޒް މުހުސިން މަގާމާ ހަވާލުވެލެއްވުމަށްފަހު ފުލުހުންގެ ސީނިއާ އޮފިސަރުންނާ ބައްދަލުކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ފުލުހުންނާއި ޕީޖީ އާއި ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދާކުރުމަށް ކުރިމަގުގައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ދެ ފަރާތުން މަޝްވަރާކުރެއްވި އެވެ.

އިއްޔެ އެ ބައްދަލުވުމުގައި ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޖު މުހުތާޒް މުހުސިން އާއި ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދުގެ އިތުރުން ފުލުހުންގެ ސީނިއާ އޮފިސަރުންނާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.