ރާއްޖޭގެ މީޑިއާތައް އިސްނަގައިގެން ބާއްވާ "ހެލްޕް ގާޒާ ޓެލެތޯން"އަށް ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން ބޮޑު އެހީއެއް ވުމަށް ނިންމައިފި އެވެ.

ހެލްޕް ގާޒާ ފަންޑުގެ ޗީފް މީޑިއާ ކޯޑިނޭޓާ އަހުމަދު ޒާހިރު (ހިރިގާ) މިއަދު ވިދާޅުވީ، އެ ފަންޑަށް އެސްޓީއޯއިން ގިނަ އެހީތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ސޭލްސްއިން ފަސް ޕަސެންޓާއި އެސްޓީއޯ ސުޕަމާކެޓަށް ލިބޭ ސޭލްސްގެ ދެ ޕަސެންޓް އެ ފަންޑަށް ދިނުމަށް އެއްބަސްވެފައި ވާ ކަމަށް ހިރިގާ ވިދާޅުވި އެވެ.

"ހެލްޕް ގާޒާ ތެލެތޯންގައި 100000 ރުފިޔާއަށް ވިއްކާ 15 ޓީޝާޓްގެ ތެރެއިން ރައީސްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ނަންފުޅު ޖަހާފައިވާ ޓީޝާޓް އެސްޓީއޯއިން ވަނީ 100000 ރުފިޔާއަށް ގަނެފައި" ހިރިގާ ވިދާޅުވި އެވެ.

ހިރިގާ އިތުރަށް ވިދާޅުވީ އެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ އަތުގުޅާލާ ހަރަކާތް އެސްޓީއޯއިން މެނޭޖް ކުރުމަށް ނިންމާފައި ވާއިރު އެ ހަރަކާތައް 5000 ޓީޝާޓް ހަދިޔާ ކުރުމަށް ވެސް އެ ކުންފުނިން ނިންމާފައި ވާކަމަށާއި އެސްޓީއޯ އައުޓްލެޓްތަކުގައި ހެލްޕް ގާޒާ ފަންޑް ފޮށި ބެހެއްޓުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ މީޑިއާ ތަކުން ގުޅިގެން ބާއްވާ "ހެލްޕް ގާޒާ ޓެލެތޯން" ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެވެ.