05 Aug 2014, 12:16
ނ. ވެލިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަ ކުރުމަށް އެމްޑީއޭ އާއި އެމްޑީޕީން ނިންމައިފި އެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ ކައުންސިލް މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، ވެލިދޫ ރަށު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން އެމްޑީއޭގެ މެންބަރެއް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެމްޑީއޭގެ ފަރާތުން ނ. ވެލިދޫ، ކެތި، އަލީ މުޖުތަބާ ވާދަ ކުރައްވަން ނިންމަވާފައިވާ އިރު އެމްޑީޕީގެ ފަރާތުން އެ ގޮނޑިއަށް ވާދަ ކުރައްވަނީ ނ. ވެލިދޫ، ވިހަފަރު، އަބްދުﷲ ޝަފީގް ކަމަށެވެ.
އޭނާ ވިދާޅުވީ، ވެލިދޫ ކައުންސިލަށް ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން އެމްޑީއޭގެ މެންބަރެއް ވާދަކުރައްވަން ނިންމަވާފައިވާ އިރު، އެކަމަށް އެމްޑީއޭއާއި ޕީޕީއެމް އިން ކުރަންޖެހޭ ހުރިހާ މަޝްވަރާތަކެއް ކޮށް ނިންމާފައިވާ ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ބައި އިލެކްޝަން ބޭއްވުމަށް ހަމަޖައްސާފައިވާ އިރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން މި މަހުގެ 17 ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ.