05 Aug 2014, 12:07
މިދިޔަ ޖޫންމަހު ސިންގަޕޫރުގައި ބޭއްވި އޭސީސީ އެލީޓް ލީގްގައި ގައުމީ ކްރިކެޓް ޓީމު ހޯދި ކާމިޔާބީ ފާހަގަކޮށް އެ މުބާރާތުގައި މޮޅުކުޅުމެއް ދެއްކި ކުޅުންތެރިންނަށް ބޯނަސް ފައިސާ ހަވާލު ކޮށްފި އެވެ.
ގައުމީ ކްރިކެޓް ޓީމުން އެ މުބާރާތުގެ ދެ މެޗް ކާމިޔާބު ކޮށްފައި ވާތީ، ސޮމަސެޓް ރެސްޓޯރެންޓުގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ޓީމުގެ ކުޅުންތެރިންނަށް ބޯނަސް ފައިސާ ހަވާލުކޮށްދެއްވީ ކްރިކެޓް ބޯޑުގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު އަހުމަދު ކަލީމެވެ.
އެ މުބާރާތުގައި ރާއްޖެ ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ބޫޓާން އަތުނާއި ބަހުރޭން އަތުނެވެ. އަދި ލީގުގައި ރާއްޖޭ ޓީމަށް ލިބިފައި ވަނީ ހަތަރު ވަނަ އެވެ.
މީގެއިތުރުން މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ތިން ކުޅުންތެރިއަކަށް ވެސް ރޭގެ ހަފްލާގައި ވަނީ ބޯނަސް ފައިސާ ހަވާލުކޮށްފައެވެ. އެ ފައިސާ ލިބުނު ކުޅުންތެރިންނަކީ، އަބްދުﷲ ޝާހިދާއި އަހުމަދު ހަސަން އަދި މުހައްމަދު މަހުފޫޒެވެ. އެ ކުޅުންތެރިންނަށް ފައިސާ ހަވާލުކޮށްދެއްވީ ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު ހަސަން ދީދީ އެވެ.
ކްރިކެޓް ބޯޑުން ދޭ ފައިސާގެ ބޯނަހަކީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކުޅުންތެރިން ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އެ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުންއަންނަ އިނާމެކެވެ. އެ ބޯނަސް އެ ބޯޑުން އެންމެ ފުރަތަމަ ދީފަިއ ވަނީ 2010 ވަނަ އަހަރުއެވެ.
މުބާރާތުގައި ވާދަކުރި ގައުމީ ކްރިކެޓް ޓީމްގެ ސްކޮޑް:
1. އަހްމަދު އަފްޒަލް ފާއިޒް – ކެޕްޓަން
2. ސަފްރާޒް ޖަލީލް – ވައިސް ކެޕްޓަން
3. އަބްދުﷲ ޝާހިދު
4. މުހަންމަދު އައްޒާމް
5. މުހަންމަދު ރިސްވާން
6. މުހަންމަދު ސާފީ ސައީދު
7. މުހަންމަދު މަހަފޫޒު
8. ހަސަން އިބްރާހިމް
9. ހަސްނަ ހާޒިގް ރަސީދު
10. އަހްމަދު އަމީލް މައުރޫފް
11. މިހުސާން ހާމިދު
12. އަހްމަދު އުމަރު ޖަމާލް
13. އަހްމަދު ހަސަން
14. އަހްމަދު ނީސާމް ނާސިރު
އޮފިޝަލުން
- ބްރެންޑަން ކުރުޕޫ – ކޯޗް
- ފަރުހަތު ޖަލީލް – މެނޭޖަރު
- މާދިހު އިސްމާއިލް - ފިޒިއޯ