14 Jan 2011, 14:02
ތޫނިސް : އުތުރު އެފްރިކާގެ ޢަރަބި ޤައުމެއް ކަމަށްވާ ތޫނިސްގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ހިންގަމުން ގެންދާ އިޙްތިޖާޖްތަކަށް ތިންހަފްތާވެގެންދިޔުމަށްފަހު ރައީސް ޒައިނުލްޢާބިދީން ބިންޢަލީ ފުރަތަމަ ފަހަރަށް ޤައުމާ މުޚާތަބުކުރައްވައި ވާހަކަ ދައްކަވައިފިއެވެ. އިއްޔެ ހަވީރު ޓީވީ އާއި ރޭޑިޔޯ މެދުވެރިކޮށް ދެއްވި ޚިތާބުގައި ބެންޢަލީ ވިދާޅުވީ ރައްޔިތުންގެ އިޙްތިޖާޖްތަކާގުޅިގެން ޑިމޮކްރަސީއަށް ފުރްސަތު ދިނުމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ދިނުމަށް ވަޢްދުވެ ވަޑައިގަންނަވާ ކަމަށާއި މިކަންކަން ކުރިޔަށް ގެންދިޔުމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވާނެ ކަމުގައެވެ. އަދި މުޅިޢުމުރަށް ވެރިކަމުގައި ހުންނަވަން ބޭނުންނުވާ ކަމަށް ވިދާޅުވެ 2014 ވަނަ އަހަރު ބާއްވާ ރިޔާސީއިންތިޚާބަށް ކުރިމަތިނުލައްވާނެ ކަމަށްވެސް ބެންޢަލީ ވިދާޅުވިއެވެ.
ހިމޭން އިންޤިލާބެއްގައި 1987 ގައި ވެރިކަމަށް އިސްވެ ވަޑައިގެންނެވި ބެންޢަލީއަކީ ހުޅަނގުގެ ތާއީދުލިބިވަޑައިގެން ޚުދުމުޚްތާރު ގޮތެއްގައި ތޫނިސްގައި ވެރިކަން ކުރައްވަމުން ގެންދަވާ ހަރުކަށި ވެރިއެކެވެ. ބެންޢަލީގެ ވެރިކަމުގައި އެންމެ ގިނައިން އަނިޔާ ލިބެމުންދަނީ އޭނާގެ ވެރިކަމާ ދެކޮޅަށް ތެދުވާ ފަރާތްތަކަށެވެ. ޚާއްސަކޮށް އިސްލާމީ ޚިޔާލުގެ މީހުންނަށެވެ. ބެންޢަލީގެ ވެރިކަމާ ދެކޮޅަށް މިހާރު ކުރިޔަށްދާ ރައްޔިތުންގެ ޢިޙްތިޖާޖްތަކާއި މުޒާހަރާތައް ހުއްޓުވުމަށް ތޫނިސްގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމާގުޅިގެން ވޭތުވެދިޔަ ތިންހަފްތާ ތެރޭގައި 50 އަށްވުރެގިނަ އާންމުން މަރުވެ އެތަށް ސަތޭކަބަޔަކު ޒަޚަމްވެފައިވެއެވެ. އަދި ތޫނިސްގެ އެކިތަންތަނަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައިވެއެވެ.
ބެންޢަލީ އިއްޔެ ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދިމުޤްރާތީ އިސްލާޙްތަކާއި މިނިވަން ނޫސްވެރިކަން ގެންނެވުމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވާނެ ކަމަށް ވަޢްދުވެ ވަޑައިގެންނެވި ނަމަވެސް އޭނާގެ ވާހަކަތަކަށް ތޫނިސްގެ އިދިކޮޅު ފަރާތްތަކުން އިތުބާރު ނުކުރާކަމަށް މުރާސިލުން ބުނެއެވެ. ބެންޢަލީގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ސީދީ ބޫޒީދް ގައި މީގެ ތިންހަފްތާ ކުރިން ތެދުވީ ވަޒީފާނުލިބި މާޔޫސްވެފައިވާ ތޫނިސްގެ ޒުވާނުންނެވެ. މިއިހްތިޖާޖްތައް ނުހުއްޓުވި ތޫނިސްގެ އެކިކަންކޮޅުތަކަށް ފެތުރިފައިވުމުން ބެންޢަލީގެ ވެރިކަމުގެ ނިޒާމްވަނީ ވަރަށްބޮޑަށް ބޭޒާރުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.