ހދ. ކުޅުދުއްފުށީގައި ހިނގި އެކްސްޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް އައިސީޔޫގައި ފަރުވާން ދޭން ފަށައިފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު ހަސަން ވިދާޅުވީ މިއަދު ހެނދުނު 8:30 ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 45 އަހަރުގެ މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އޭނަ މާލެ ފޮނުވާލުމުގެ ކަންތައްތައް ހަމަޖައްސަމުން. ޕޭޝަންޓް ވަރަށް ސީރިއަސް،" މުހައްމަދު ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެކްސިޑެންޓްގައި 45 އަހަރުގެ މީހާގެ ބޮލުގެ އެތެރެއަށް ގެއްލުންވެފައިވާއިރު، ކަންފަތުން ލޭ އައުން މަނާ ނުކުރެވޭ ކަމަށެވެ. އަދި ބޮލަށް ލިބުނު ސީދާ ގެއްލުން ސާފުނުވާ ކަމަށް ވެސް މުހައްމަދު ހަސަން ވިދާޅުވި އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި އެ އެކްސިޑެންޓް ހިނގީ ސައިކަލު އޯވަޓޭކް ކުރަނިކޮށް، ފަހަތަށް ޖަހަޖަހާއޮތް ޕިކަޕް ކުރިއަށް ދުއްވާލުމުން ޕިކަޕްގެ ކުރީ ކަނާތްފަރާތު ބަފަރު ސައިކަލުގައި ޖެހި، ސައިކަލު ޕިކަޕުގެ ބަފަރު ދަށު ވެގެންނެވެ.

އެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ 45 އަހަރުގެ މީހާއަށް އެކަންޏެވެ. ފުލުހުން ބުނީ ސައިކަލު ފަހަތުގައި އިން 42 އަހަރުގެ ފިރިހެން މީހާއަށާއި ޕިކަޕް ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާއަށް އެ އެކްސިޑެންޓް ގައި އަނިޔާއެއްވެފައިނުވާ ކަމަށެވެ.