05 Aug 2014, 11:49
ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމާ އަދި ރާއްޖޭގެ ސާޗް އެންޑް ރެސްކިއުއަށް ބޭނުންވާ ވަސީލަތްތަށް މިހާރު ހުރި ހާލަތު ދެނެގަތުމަށް މަޝްވަރާކޮށް އެކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށް ސެމިނާރެއް ފަށައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީއާއި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނާ ގުޅިގެން ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދާ އެ ސެމިނާރުގައި ޓްރާންސްޕޯޓް އޮތޯރިޓީ އާއި މެރިން ޕޮލިސްގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަން އަދި ހެލްތު މިނިސްޓްރީފަދަ ކަމާބެހޭ ސަރުކާރުގެ މުއައްސަސާ ތަށް ބައިވެރިވެ އެވެ. ސެމިނާރުގައި ކިޔަވައި ދެއްވަނީ ހޮންގްކޮންގް ގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ހެޑް ޗެން އެވެ.
ކޯސްޓްގާޑް ބިލްޑިންގުގައި ސެމިނާރު ފައްޓަވައި ދެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ކޯސްޓްގާޑްގެ ކޮމާންޑަންޓް މުހައްމަދު އިބްރާހިމް ވިދާޅުވީ، އެ ސެމިނާރުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖެފަދަ ގައުމެއްގައި މެރިޓައިމްގެ ހިދުމަތް ދިނުމަށް ކަމާބެހޭ ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން މިއަދު ބާއްވާ ސެމިނާރަކީ އެ މަސައްކަތުގެ ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ނަތީޖާއަކަށް ވާނީ ރާއްޔިތުންނަށްދޭ ހިދުމަތް ތަކުގައި ހާއްސަކޮށް ދިމާވާ ބޮޑަތި ކާރިސާތަކުގައި ސަރުކާރުގެ އެކިއެކި މުއައްސަސާ ތަކުގެ ފަންނީ ބޭފުޅުން ގުޅިގެން ކުރާ މަސައްކަތް މިހާރަށްވުރެ ހަލުއިވެ އޭގެ ފައިދާ އެންމެނަށް ވެސް ފުރިހަމައަށް ލިބިގެން ދިއުން،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯސްޓްގާޑާއި ކަމާބެހޭ ސަރުކާރުގެ އެހެން މުއައްސަސާ ތަކުން ކުރި މަސައްކަތްތަކުގެ ނަތީޖާ މިހާތަނަށް އައި އިރު ވަރަށް ފުރިހަމައަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ކުރިން ވެސް ކާމިޔާބު ކޮށްފައި ހުރި ކަންތައްތައް 48 ގަޑިއިރުން 24 ގަޑިއިރުގެ ވަގުތަށް ކުރުކޮށް، އެ ނަތީޖާ ނެރުމަކީ މިއަދު ފެށި ސެމިނާރުގެ އެންމެބޮޑު އެއް ބޭނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އެކި މުއައްސަސާ ތަކުން 30 މަންދޫބުންނާ އެކު މިއަދު ފެށި ސެމިނާރު ތިން ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދާނެ އެވެ.