ދެހާސް ނުވަ ވަނަ އަހަރު މާފުށީ ޖަލުގައި ހުޅުޖެހި މައްސަލައިގެ ތިންވަނަ އަޑުއެހުން ބޭއްވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދާ ހަމައަށް އެ މައްސަލަ ބާއްވާނެ ވަކި ދުވަހެއް ތާވަލްކޮށްފައި ނުވާ ކަމަށާއި ވަރަށް އަވަހަށް ތާވަލް ކުރެވޭނެ ކަމަށެވެ.

އެ މައްސަލައިގެ ތިން ވަނަ އަޑުއެހުން ބާއްވާފައި ވަނީ ފުރަތަމަ އަޑުއެހުން ބޭއްވިތާ ތިން އަހަރު ފަހުން މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހު ޝަރީއަތް ބޭއްވި އިރު ވެސް ދައުވާ ލިބޭ ފަރާތްތަކުން ވަކީލަކު ހަމަޖައްސާފައެއް ނުވެއެވެ.

ތިން އަހަރު ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖައްސާފައި ނުވާތީ، އަނެއްކާވެސް ގާޒީ މުހުތާޒު ފަހުމީ ވަނީ ވަކީލަކު ހަމަޖެއްސުމަށް އެ މީހުންނަށް ފުރުސަތު ދެއްވައިފައެވެ.

މާފުށީ ޖަލުގައި ހުޅުޖެހި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައި ވަނީ ކ. ގާފަރު ދިގަލި، އަބްދުﷲ މުންޒިރު އާއި ތ. ތިމަރަފުށީ އަނޯނާގޭ އަބްދުﷲ ޒަކީ އާއި ލ. އިސްދޫ ސްވީޓްހާޓު އަހްމަދު ސިރާޖުގެ އިތުރުން މ. ރީފްސައިޑުގޭ އަބްދުﷲ ވާހިދުގެ މައްޗަށެވެ.

އެމީހުންގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

އެ މައްސަލަ ބަލަމުން އަންނަނީ ކްރިމިނަލް ކޯޓުގެ "ޑީ" ސެކްޝަނުންނެވެ. އެ ސެކްޝަނަކީ ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ހިނގާފައިވާ މަރުގެ ގިނަ މައްސަލަތައް ބަލަމުން އަންނަ ސެކްޝަނެވެ. އެ ސެކްޝަނުން މައްސަލަތައް ބެލުމުގައި އާދަޔާ ޚިލާފަށް ލަސްކަމަށް ގިނަ ގާނޫނީ ވަކީލުންތައް ވިދާޅުވެ އެވެ.

އެ ސެކްޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި 2012 ވަނަ އަހަރުގެ ކުރީކޮޅު ގ. ވޭރު އަބްދުލް މުހީތު މަރާލި މައްސަލަ އާއި ހަމަ އެ އަހަރުގެ މެއި މަހު ލޮރެންޒޯ ޕާކްގެ ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ، ހއ. ހޯރަފުށީ ނޫރީގެ މުޙައްމަދު އަރުހަމް މަރާލި މައްސަލައިގެ އިތުރުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ލ. ގަން، ތުނޑި ވުޑްލޭންޑް އަހްމަދު ނިޒާރު މަރާލި މައްސަލަވެސް ހިމެނެއެވެ.

މަރުގެ މައްސަލަތަކުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާފާއިވާ ވަޅިހެރުމުގެ ބައެއް މައްސަލަތައް ވެސް އެ ސެކްޝަނުން ބަލަމުންދެއެވެ. ނަމަވެސް އެ މައްސަލަތައް ޝެޑިއުލްކުރުމުގައި ވެސް ލަސްތަކެއް ހުރި ކަމަށް ގިނަ ވަކީލުން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މަރުގެ މައްސަލަތަކުގެ ތެރެއިން ނިޒާރު މަރާލި މައްސަލައިގެ ހެކީންގެ ހެކިބަސް ނުނަގައި ގިނަ ދުވަސްތަކެއް ވެފައިވާއިރު، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ހެކިބަސްނެގުމުގެ މަރުހަލާ ލަސްވުމުގެ ސަބަބުން ހެކީންނަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިނގާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އޭނާ ވަނީ އެކަމުގެ ކަންބޮޑުވުންކަން ފާޅުކުރައްވައިފަ އެވެ.