އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކުގެ ސަބަބުން އަނިޔާ ލިބެމުންދާ ގާޒާގެ މުސްލިމުންނަށް އެހީވުމަށް ހުޅުވި ފަންޑަށް ފަސް މިލިޔަން ރުފިޔާ މިހާތަނަށް ލިބިއްޖެ އެވެ.

ގާޒާ ފަންޑު ކޮމިޓީން ރޭ އާއްމުކޮށްފައިވާ ގޮތުގައި އެ ފަންޑަށް މިހާތަނަށް 5،198،205.85 ރުފިޔާ މާލޭ އާއި އަތޮޅުތަކުން ލިބިފައިވާ ކަމަށެވެ.

ގާޒާ ފަންޑަށް އެހީވުމަށް މާލޭ އާއި އަތޮޅު ތެރޭގެ މިހާރު ވެސް ތަފާތު ހަރަކާތްތައް ކުރިއަށްދެ އެވެ. އެ ފަންޑަށް އެހީވުމަށް އަތޮޅު ތެރޭގެ 50 ރަށެއްގެ އިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ވަނީ ފޮށިތައް ބަހައްޓާފަ އެވެ.

ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ގާޒާ ފަންޑް މޯލްޑިވްސް އާ ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން އަންނަ ހުކުރު ދުވަހު ހާއްސަ ޓެލެތޯން ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ. މި ޝޯވ އެ ދުވަހުގެ މެންދުރު ފަހުން ފެށިގެން 33 ގަޑިއިރަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.

ގާޒާ ފަންޑް މޯލްޑިވްސްގެ ސްޕޯކްސްޕާސަން އަލީ ޒާހިރު މިއަދު ސަން އަށް ވިދާޅުވީ ގާޒާ ފަންޑަށް އެހީވުމުގެ ހަރަކާތްތައް އަދި ވެސް އަތޮޅު ތެރެއާއި މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އިރު މީޑިއާތަކުން ކުރިއަށް ގެންދާ ޓެލެތޯން ޝޯ އިން މި ފަންޑަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

"ޓެލެތޯން ޝޯވްގެ ޝަބަބުން މި ފަންޑަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް ދެކެނީ. އަޅުގަނޑުމެން ވެސް ޓެލެތޯންގެ ބައިވެރިއެއްގެ ގޮތުގައި ކުރިއަށްދާނީ އެ ޝޯގައި،" ޒާހިރު ވިދާޅުވި އެވެ.