05 Aug 2014, 10:59
ފަލަސްތީނުގެ ޣައްޒާ އިން 1800 އަށް ވުރެ ގިނަ މީހުން ޝަހީދުކުރުމަށް ފަހު އެރަށާ ދެކޮޅަށް އިސްރާއީލުން ހިންގަމުން އައި އުދުވާން މިއަދު ހުއްޓާލައިފި އެވެ.
އެސޯސިއޭޓެޑްޕްރެސް (އޭޕީ) ބުނީ ޣައްޒާ ގަޑިން މިއަދު ހެނދުނު 8.00 ހަމަލާދިނުން ހުއް ޓައިލީ ހަމަލާ ބަދަލުކުރުން 72 ގަޑިއިރަށް ހުއްޓައިލުމަށް ހަމާސް އާއި އިސްރާއީލުން އެއްބަސްވެގެން ކަމަށެވެ. މިސްރު މެދުވެރިވެގެންވީ އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ގޮތުން އިސްރާއީލުން ވަނީ ޣައްޒާ އަށް ފޮނުވާފައިވާ ބިމުގެ ލަޝްކަރުތައް އެރަށުން ބާލާފަ އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ފަހު ހަމާސް އާއި އިސްރާއީލުން ނުސީދާކޮށް ވާހަކަ ދައްކަން ހަމަޖެހިފައިވެ އެވެ.
ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފަރާތްތައް މެދުވެރިވެގެން މީގެ ކުރިން ވީ އެއްބަސްވުންތަކަށް އިސްރާއީލުން އަމަލުކޮށްފައެއް ނުވެ އެވެ.
ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާދޭން ބޭނުންކުރާ ބިންގަރާސް މަގުތައް ހަލާކުކުރުމަށް ކަމަށް ބުނެ އެގައުމުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 1865 މީހުންގެ ތެރެއިން ގިނަމީހުންނަކީ އާއްމުންނެވެ. ނަމަވެސް ރައްދުގައި ހަމާސް އިން ދިން ހަމަލާތަކުގައި މަރުވި އިސްރާއީލުގެ 65 މީހުންގެ ތެރެއިން އެންމެ ތިން މީހުން ފިޔަވާ އެންމެންނަކީ ވެސް ސިފައިންނެވެ.