އައްޑޫ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ސަރުކާރު ހިންގާ ޕީޕީއެމާއި ސަރުކާރާ އިދިކޮޅު އެމްޑީޕީން ވާދަކުރުމަށް ނިންމައިފި އެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު އޮންނަ، އެ ކައުންސިލްގެ ފޭދޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަނުގައި ޕީޕީއެމް އާއި އެމްޑީޕީން ވެސް ވަނީ އެ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ޕީޕީއެމް ބުނީ ފޭދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެމްބަރުނަށް ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެމްޑީޕީން ބުނެފައި ވަނީ އެ ޕާޓީގެ ޓީކެޓަށް ފަސް މެމްބަރުން ކުރިމަތިލާފައިވާ ކަމަށާއި އެހެން ކަމުން ޓިކެޓް ދޭނެ މެމްބަރަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ހުކުރު ދުވަހު އޮންނާނެ ކަމަށެވެ.

އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލް ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި އަބްދުﷲ އަޝްވާން މި ދިޔަ ޖުލައި މަހު ނިޔާވުމާ ގުޅިގެންނެވެ.

މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ ހަ ދާއިރާ އަށް ވެސް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ނ. ވެލިދޫ ރަށު ކައުންސިލް ބައި އިލެކްޝަން ވެސް ބޭއްވުމަށް ވަނީ ހަމަ ޖެހިފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ފެށިގެން އިއްޔެ އިން ފެށިގެން މި މަހުގެ 17 ދުވަހުގެ ނިޔަލަށް ހުޅުވާލާފައި އެވެ.