ޕެރިސް (އޮގަސްޓް 5): އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދަނީ ގަތުލުއާންމުތަކެއް ކަމަށް ސިފަކުރެއްވުމަށްފަހު އިސްރާއީލު ވަރަށް ބޮޑަށް ކުއްވެރިކުރައްވައި ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދު ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފި އެވެ.

ޕެރިހުގައި ދެއްވި ބަޔާނެއްގައި އޮލާންދު ވިދާޅުވީ ހަމާސް ޖަމާއަތުން އިސްރާއީލަށް ރޮކެޓް ހަމަލާ ދިނުން ވެސް އޭނާ ވަރަށްބޮޑަށް ކުށްވެރި ކުރައްވާ ކަމަށާއި ނަމަވެސް ރެކޮޓްހަމަލާތަކުގެ ބަދަލުގައި ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރަށް ހަމަލާދީ ފަލަސްތީނުގެ އާންމު ރައްޔިތުން މަރައި ގަތުލުއާންމު ހިންގުމަކީ ކުޑަކޮށް ވެސް ގަބޫލުކުރެވޭނެ ކަމެއްނޫން ކަމުގަ އެވެ.

މިއީ ޣައްޒާގައި އިސްރާއީލު ހިންގަމުން ގެންދާ ބިރުވެރި ގަތުލުއާންމުތަކާ ގުޅިގެން އިސްރާއީލު ކުށްވެރިކުރައްވައި ފަރަންސޭސި ރައީސް މިހާ ފާޅުކަންބޮޑު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

އިސްރާއީލުން ކިތަންމެ އަނިޔާވެރި ޖަރީމާތަކެއް ހިންގަމުން ގެންދިޔަ ނަމަވެސް އިސްރާއީލު ކުށްވެރިކޮށް ވާހަކަ ދެއްކުމަކީ ހުޅަނގުގައި ޔަހޫދީންގެ ބާރާއި ނުފޫޒު އާދަޔާ ޚިލާފަށް ވަރުގަދަވެފައި ވުމުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ ލީޑަރުންނަށް ކުރައްވަން ކެރިވަޑައިގަންނަވާ ކަމެއްނޫނެވެ.

އަނެއްކޮޅުން ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސް ވެސް ވަނީ ފަލަސްތީނުގެ މުޖާހިދުން އިސްރާއީލާ ދެކޮޅަށްދޭ ރޮކެޓް ހަމަލާތަކަކީ ޣައްޒާގެ އާންމުން މެރުމަށް އިސްރާއީލަށް ބަހަނާދެއްކޭނެ ސަބަބެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ފެބިއޮސްގެ ވާހަކަފުޅުގައި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ މުޖާހިދުން އިސްރާއީލަށްދޭ ރޮކެޓް ހަމަލާތައް ވެސް ވަރަށްބޮޑަށް ކުށްވެރިކުރެއްވި އެވެ. އަދި އިސްރާއީލުގެ އިސްތިއްމާރާއި އަޅުވެތިކަމާއި ހިސާރުގެ ފިޔަވަޅުތަކާ ދެކޮޅަށް ތެދުވުމުގެ ހައްގު ފަލަސްތީނަށް ލިބިގެންވާ ކަމަށް އެއްބަސްވެ ވަޑައިގަތުމަށް ފަރަންސޭސި ރައީސާއި ޚާރިޖީ ވަޒީރު ފަސްޖެހިވަޑައިގެންނެ ވިއެވެ.

ޣައްޒާގައިވާ އދ.ގެ ސްކޫލްތަކަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާ ކަމަށް ސިފަކުރައްވައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކި މޫން ވެސް މިދިޔަ އާދީއްތަ ދުވަހު ވަނީ ވާހަކަފުޅު ދައްކަވާފައިފަ އެވެ.(އަލްޖަޒީރާ)