ބަންގްލަދޭޝްގެ މެދުތެރޭގައިވާ ކޯރެއްގައި 200 އަށް ވުރެ ގިނަމީހުންނައިގެން ދަތުރުކުރި ފެރީއެއް ބަންޑުން ޖަހާލައި 100 އަށް ވުރެ ގިނަމީހުން ގެއްލިއްޖެ އެވެ.

ބަންގްލަދޭޝްގެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކްޓައިމްސް ބުނީ ގެއްލުނު އެންމެން ވެސް މަރުވެފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބަންގްލަދޭޝްގެ އިންލޭންޑް ވޯޓަ ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ޝަމްސުއްޟުހާ ޚޮންދަކަރް ވިދާޅުވެފައި ވަނީ ޕަދުމާ ކޯރުގެ އައްސޭރީގައިވާ މާވާ ބަނދަރަށް ދަތުރުކުރަމުން ދިޔަ ފެރީ ބަންޑުން ޖަހައިލީ އޮއިގަދަވުމާއި ރާޅުބޮޑުވުމުގެ ސަބަބުން ކަމަށެވެ.

ބަންޑުން ޖަހާލައި އަޑިއަށް ދިޔަ 64 ފޫޓްގެ ދިގުމިނުގެ ފެރީއަކީ 85 މީހުން އުފުލުމުގެ ހުއްދަ އޮންނަ ފެރީއެކެވެ. ނަމަވެސް ފެރީ އަޑިއަށް ދިޔައިރު ގާތްގަނޑަކަށް 300 މީހުން އޭގައި ތިބި ކަމަށް ނިއުޔޯކްޓައިމްސް އަށް ދިން އިންޓަވިއުއްގައި ބަންގްލަދޭޝްގެ އިންޓެލިޖެންސް އޮފިސަރެއް ކަމަށްވާ ހާމިދު ރަހުމާން ސިއްދީގު ވިދާޅުވެފައިވެ އެވެ.
އަޑިއަށް ދިޔަ ފެރީ ހޯދުމަށް ބަންގްލަދޭޝް ސިފައިން އަދިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

ގިނަ ކޯރުތަކެއް އޮންނަ ބަންގްލަދޭޝްގެ ކޯރުތަކުގައި ދަތުރުކުރާ ފެރީތައް ފެތުމުގެ ގިނަ ހާދިސާތަކެއް ކޮންމެ އަހަރަކު ހިނގަ އެވެ. އެއިން ކޮންމެ ފަހަރެއްގައި ވެސް ފެރީތަކުގައި މީހުން ދަތުރުކޮށްފައި ވަނީ ހުއްދަ އޮންނަ ވަރަށް ވުރެ މާގިނައިންނެވެ.