ސްކޫލް ދައުރުން ފެށިގެން ބަށި ކުޅުމަށް ޝައުގުވެރިކަން ހުންނަ، އދ. ކުނބުރުދޫ ގުލްހަޒާރުގޭ އައިޝަތު ޝަބާނާ 31، އަކީ ޒަވާޒީ ހަޔާތެއް ފަށައިގެން ދިރިއުޅެމުން އަންނަ ހަރުދަނާ މަންމަ އެކެވެ. ފިރިމީހާ އާއި ސްކޫލްގައި ކިޔަވަމުން އަންނަ ތިން ދަރިންނާއެކު އުފާވެރި ހާޔާތެއް ހޭދަކުރަމުން އަންނަ ޝަބާނާއަށް މިއަދު ވަނީ އޭނާ އެކުޅިވަރަކަށް އެންމެ ބޮޑު ޝައުގުވެރިކަމެއް ހުންނަ ބަށި ކުޅުމުގެ ރޮގުން ލިބޭނެ އެންމެ މަތީ ޝަރަފް ކަމަށްވާ "ބަށި ރާނީގެ" ލަގަބް ލިބިފަ އެވެ.

އިއްޔެ ނިމިގެން ދިޔަ މިއަހަރުގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ "ބަށި ރާނީ"ގެ ލަގަބް ޝަބަނާ ހޯދާފައި ވަނީ ޖުމުލަ 965 ޕޮއިންޓު ހޯދައިގެންނެވެ. މިއަހަރު މުބާރާތުގައި 673 ފޯލި ސައިކޮށް، 200 އަށް ވުރެ ގިނަ ފޯލި ހިފާފަ އެވެ. އަދި މުޅި މުބާރާތުގައި އެންމެ ގިނަ ފޯލި "ސައި ކުރި" ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެސް ޝަބާނާ އެވެ.

އޯގަސްޓް 4، 2014: އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ބަށި ރާނީ، އައިޝަތު ޝަބާނާ ޔޫތު މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލާ އެކު -- ސަން ފޮޓޯ ޔޫސުފް ސޮފްވާން

ބަށި ކުޅެގެން ލިބުނު މި ކާމިޔާބީއާއެކު އުފަލުން ފޮޅިފައި ހުރި ޝަބާނާ ބުނީ "މިހާބޮޑު ޝަރަފެއް ލިބުމުން އެންމެ ފުރަތަމަ ވެސް ޝުކުރު އަދާކުރަން ބޭނުން ވަނީ ހެއްދެވި ފަރާތައް" ކަމަށެވެ. އެއަށް ފަހު "މަންމަ އާއި ބައްޕަގެ އިތުރުން ފިރިމީހާ އަށާއި މުޅިއާއިލާއަށް" ކަމަށެވެ.

"ބަށި ރާނީގެ ލަގަބު ލިބުމުން ވަރަށް އުފާވެއްޖެ. މިއީ މިފަދަ މުބާރާތެއްގައި ކުޅުނު ފުރަތަމަ ފަހަރު. މި ކާމިޔާބީއާ އެކު ދެކެން ބޭނުންވި ހުވަފެން މިވަނީ ހަގީގަތަކަށްވެފައި. ބަށި ކުޅުމަކީ އަބަދުވެސް ވަރަށް ކުރާހިއްވާ ކަމެއް" ސްކޫލް ދައުރުގައި ގްރޭޑް ފަހަކުން ފެށިގެން ބަށި ކުޅެން ފެށި ޝަބާނާ ބުންޏެވެ.

ޝަބާނާ ވަނީ، ސްކޫލްގައި ކިޔަވަން އުޅުނު އިރުވެސް، ބަށި ކުޅެގެން ބަށި ރާނީގެ މަގާމް ހޯދައިފަ އެވެ. އަދި ރަށުފެންވަރުގައާއި އަތޮޅު ފެންވަރުގައި ބާއްވަމުން އަންނަ ބަށި މުބާރާތް ތަކުންވެސް އޭނާ ވަނީ، ބަށި ރާނީކަން ހޯދައިފަ އެވެ. އަތޮޅު ފެންވަރުގައި ބޭއްވި ދެ މުބާރާތަކުން ޝަބާނާއަށް ބަށި ރާނީގެ ލަގަބް ލިބުނު އިރު، ރަށުފެންވަރުގައި ކުޅުނު ތިން މުބާރާތަކުން އޭނާ ވަނީ ބަށި ރާނީކަން ހޯދައިފަ އެވެ.
އޯގަސްޓް 4، 2014: އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ބަށި ރާނީ، އައިޝަތު ޝަބާނާ ޓްރޮފީއާ ހަވާލުވަނީ -- ސަން ފޮޓޯ ޔޫސުފް ސޮފްވާން

ޝަބާނާ ހޯދި ކާމިޔާބާ ބެހޭގޮތުން ކުނބުރުދޫ ބަށި ޓީމުގެ މެނޭޖަރު އާމިނަތު ޒިޔާދާ ބުނީ، އޭނާ އެ ހޯދައިދިނީ މުޅި ރަށަށް ވެސް ވަރަށް ރީތި ނަމެއް" ކަމަށެވެ. އަދި މުބާރާތުގައި ކުބުރުދޫ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ދެއްކި ކުޅުމާ މެދު ހިތް ހަމަ ޖެހޭ ކަމަށް ޒިޔާދާ ބުންޏެވެ.

"މިއީ ޝަބާނާ މުޅިރަށަށް ހޯދައިދިން ރީތި ނަމެއް. ޝަބާނާ އަކީ މޮޅު ބަށި ކުޅުންތެރިއެއް. މިއީ މި މުބާރާތުގައި ކުނބުރުދޫ ޓީމް ވާދަކުރި ފުރަތަމަ ފަހަރު. މުބާރާތުގައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނިގެން ދިޔައީ މޮޅު ކުޅުމެއް. ރަށުގެ ރައްޔިތުންގެ ފަރާތުން މުބާރާތުގައި ވާދަކުރުމަށް ދިން އެއްބާރު ލުމާއި އެހީތެރިކަމަށް ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރަން" މެނޭޖަރު ޒިޔާދާ ބުންޏެވެ.

މި އަހަރުގެ އެސްޓީއޯ ނޫފަހި ބަށި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ވެސް ހޮވިފައިވަނީ ޝަބާނާ އެ ޓީމަކަށް ކުޅުނު ކުނބުރުދޫ ބަށި ޓީމެވެ. އަދި ޝަބާނާގެ ޓީމުގެ މެންބަރެއް ކަމަށްވާ ހަދީޖާ އާމިރާ ވަނީ މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.
އޯގަސްޓް 4، 2014: އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ބަށި ރާނީ އާއިޝަތު ޝަބާނާ ޓީމުގެ ކުޅުންތެރިންނާ އެކު -- ސަން ފޮޓޯ ޔޫސުފް ސޮފްވާން

ބަށި ކުޅުމުން ލިބުނު ރީތި ނަމާއެކު ހިނިތުންވެފައި ހުރި ޝަބާނާގެ އުންމީދަކީ ކުރިއަށް އޮތްތަނުގައި އެނަން ދިފާއުކުރުމުގެ އިތުރުން ކުނބުރުދޫ ބަށިޓީމަށް ރަނގަޅު ކާމިޔާބެއް ހޯދައި ދިނުމެވެ. އަދި ބަށި ކުޅޭން ބޭނުންވާ ކުދީނާއި މީހުންނަށް އޭނާ ދޭން ބޭނުންވާ މެސެޖަކީ ހިތްވަރާ އެކު މަސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއްގައި ވެސް ކާމިޔާބާއި ފޮނިކަން ހޯދިދާނޭ ކަމެވެ.