05 Aug 2014, 01:23
މި ސީޒަންގެ ޕްރިމިއާ ލީގް ފެށެން ވާއިރަށް އިނގިރޭސި ކްލަބް ޗެލްސީގައި ހިމެނޭ ވޯލްޑް ކަޕް ތަރިން ފިޓު ނޫންކަމަށް ބުނެ އެ ޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މޮރީނިއޯ ފާހަގަކުރި ގޮތުގައި ޗެލްސީއަށް ކުޅެމުން އަންނަ އޮސްކާ، ރަމިރޭސް، ވިލިއަން އަދި އަންދްރޭ ޝޫލާ ފަދަ ކުޅުންތެރިން ވޯލްޑް ކަޕަށް ފަހު ޓީމާ ގުޅިފައިވަނީ ވަރަށް ފަހުންނެވެ. އަދި ސީޒަން ފެށެންވާއިރަށް އެ ކުޅުންތެރީން ތައްޔާރު ނޫން ކަމަވެސް މޮރީނިޔޯ ވަނީ ބުނެފައެވެ.
"އެޑެން ހަޒާޑް ދެދުވަހު، ޑްރޮގްބާ ތިން ދުވަހު، ތަމްރީންތަކުގައި ބައިވެރިވެފައި ވަނީ. މި ކުޅުންތެރިންނަށް އެބަ ބޭނުންވޭ އަދި އިތުރު ތަމްރީންތަކެއްވެސް،" ޗެލްސީ ޓީވީއަށް ދިން އިންޓަވިއުއެއްގަ މޯރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ، ވޯލްޑް ކަޕަށްފަހު ލިބުނު ބްރޭކާ އެކު ކުޅުންތެރީން ފުޓްބޯޅަ މަތިން ހަނދާން ނެތިފައި ވާކަމަށެވެ. ވޯލްޑް ކަޕްގައި ކުޅުނު ކުޅުންތެރީން މުބާރާތަށް ފަހު ޓީމްތަކުގެ ޓްރެއިނިންތަކުގައި ބައިވެރިވާއިރު ކަންބޮޑުވުންތަކެއް ހުރިކަމަށް ވެސް މޮރީނިއޯ ބުންޏެވެ.
ޗެލްސީގެ ޕްރީ-ސީޒަންގައި ޖަރުމަނަށް ކުރަމުންދާ ދަތުރުގައި ވާޑާ ބްރޭމަން އަތުން 3-0 ވަނީ ބަލިވެފައެވެ. އެ މެޗަށްފަހު މޮރީނިއޯ ބުނެފައި ވަނީ ކޮންމެ އަހަރެއްގައި ވެސް ޕްރީސީޒަންގައި ކުޅޭ މެޗްތަކަކީ އުނދަގޫ މެޗްތަކެއް ކަމަށެވެ.