05 Aug 2014, 01:13
މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީއެއް ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ޓްރާންސްޕޯޓް އޮތޯރިޓީން ފަށައިފި އެވެ.
'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ އެ އެޕްލިކޭޝަން ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއްޔެ އިއުލާންކޮށްފައިވާ ކަމަށާއި ތިން ހަފްތާގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.
ނާފިޒު ވިދާޅުވީ ޓެކްސީ ސެންޓަރަށް ގުޅުމުގެ ބަދަލުގައި އެ އެޕްލިކޭޝަން މެދުވެރިކޮށް އެމީހަކަށް އެންމެ އަވަހަށް ލިބޭނެ ޓެކްސީއަކީ ކޮބައިތޯ އާއި ޓެކްސީ އޮތީ ކިހާ ދުރުމިނެއްގައި ތޯ ބެލޭނެ ކަމަށެވެ.
"ޓެކްސީ ބޭނުންވާ ކޮންމެ މީހަކަށް ފޯނު ނަގާފަ މި އެޕްލިކޭޝަނުން ބަލައިލެވޭނެ ކޮބައިތޯ އެންމެ ކައިރީގައި އޮތް ޓެކްސީއަކީ. އެ ޓްކްސީީ މިހާރު ކިހާ ދުރުމިނެއްގައި ތޯ ހުރީ. އަނެއްކާ އެ ޓެކްސީ ކައިރިވަމުން އަންނަ މިންވަރަކަށް އެނގޭނެ. މިހާރު ޑިސްޓެންސް ހުރީ ނުވަތަ ކިތައް މިނެޓް ތެރޭ ތިމަންނައަށް ލިބޭނެތޯ،" ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެޕްލިކޭޝަންގެ ސަބަބުން ޓެކްސީތަކުގެ މައުލޫމާތު ޓްރާންސްޕޯޓު އޮތޯރިޓީއަށް ވެސް ލިބިގެންދާނެ ކަމަށެވެ. އަދި ޚިދުމަތުގައި އުޅޭ ޓެކްސީތަކާއި ޚިދުމަތް ފޯރުކޮށްނުދޭ ޓެކްސީތަކަކީ ކޮބައިކަން އެ އޮތޯރިޓީއަށް ބެލޭނެ އިންތިޒާމް އެ އެޕްލިކޭޝަނުން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާއެކީގައި ލިބޭނެ އަނެއް ފައިދާ އަކީ ޓެކްސީތަކުގެ މައުލޫމާތު ޓްރާންސްޕޯޓް އޮތޯރިޓީއަށް ވެސް ލިބެމުންދާނެ ވަގުތުން ވަގުތައް. ޚިދުމަތުގައި އުޅެނީ ކިތައް ޓެކްސީތޯ އަދި އެ ޓެކްސީތަކުގެ ތެރެއިން ޚިދުމަތް ފޯރުކޮށްނުދެނީ ކިހާ ޓެކްސީއެއްތޯ. ޚިދުމަތަށް އެދޭ މީހުންނަށް ޓެކްސީ ހުހަށް އޮވެ ޚިދުމަތް ފޯރުކޮށްދެނީ ކޮންބައެއްތޯ، ނުދެނީ ކޮންބައެއްތޯ،" ނާފިޒު ވިދާޅުވި އެވެ.
އެ އެޕްލިކޭޝަން ގާއިމްކުރުމުން ޓެކްސީ ސެންޓަރުތަކުން ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ފަސޭހަކަމާ އެކު ބެލޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއާއެކީގައި ޓެކްސީ ސެންޓަރުތަކަށް ވެސް ފަސޭހަވެގެންދާނެ. އެ ޓެކްސީ ސެންޓަރެއްގެ ޓެކްސީތަކުގެ ތެރޭގައި މިހާރު މަގުމަތީގައި ހަރަކާތްތެރިވަނީ ކިތައް ޓެކްސީތޯ، އެ ޓެކްސީތަކުގައި މީހުން ދަތުރުކުރަނީ ކިހާ ވަރަކަށްތޯ ވަގުތުން ވަގުތަށް ފެންނަން ހުންނާނެ،" ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް ބަޔަކާ ހާވާލުކުރާތާ ދެ މަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ފަރުމާކޮށް ނިމޭނެ ކަމަށެވެ.