މާލޭގައި ސިލްސިލާ މާރާމާރީތައް ހިންގައި، އިތުރު މާރާމާރީތައް ހިންގަން ރާވާ ކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި ހަތަރު މީހުން 15 ދުވަހުގެ މުއްދަތައް ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއް ގެއަކުން ހައްޔަރު ކުރި އެ ހަތަރު މީހުން 15 ދުވަސް ވަންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ މިއަދު ކަމަށެވެ.

ސިލްސިލާ މާރާމާރީ ހިންގާ ކަމުގެ ތުހުމަތުގައި އެމީހުން ރޭ ހައްޔަރު ކުރީ މަޖީދީ މަގާއި މާވެޔޮ މަގާ ގުޅޭ ސަރަހައްދުގައި ހުންނަ ގޯޅިގަޑެއްގެ ތެރޭގައި ހުންނަ އިމާރާތަކުންނެވެ. ރޭ ހައްޔަރު ކުރި މީހުންނަކީ ޖިނާއީ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ބައެކެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރު ކުރީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާރާމާރީ ހުއްޓުވުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގެ ދަށުން ކަމަށެވެ. ފުލުހުން ބުނީ އެ މީހުން ރޭ ހައްޔަރު ކުރި ތަނަކީ މާރާމާރީ ހިންގަން ގެންގުޅޭ އާލާތްތައް ފޮރުވައި "ފިލަން ވަންނަން ޚާއްސަ" ކޮށްފައި ހުރި ތަނެއް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކުރި މީހުން ދިރިއުޅޭ އިމާރާތުގެ ތެރެއިން ކަތިވަޅިއަކާއި މޫނު ނިވާކުރަން ގެންގުޅޭ އާލާތްތަކުގެ އިތުރުން މަސްވާތަކެތި ވެސް ފެނިފައިވެ އެވެ.