ދިވެހި ސިވިލް ސާވިސް ގާނޫނުގެ މާއްދާއެއް އިސްލާހު ކުރަން ކޯޓުން ދީފައިވާ މުއްދަތަ ފަހަނައަޅައި ދިޔަތާ ތިން އަހަރު ފަހުން އެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސިޔާސީ ހަރަކާތްތަކުގައި ސިވިލްސާވަންޓުންނަށް ބައިވެރި ނުވެވޭނެ ކަމަށް ސިވިލް ސާވިސްގެ ގާނޫނުގައި ބުނެފައި އޮތް މާއްދާ އިސްލާހު ކުރުމަށް ހައި ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 3، 2008 ގަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސެޕްޓެމްބަރު 19، 2011 ގައި އެ ކޯޓުން ކުރި ހުކުމުގައި ވަނީ ހައި ކޯޓުގެ ހުކުމަށް ތާއިދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުންގެ އެ ހުކުމަށް ތިން އަހަރުވި ފަހުން ސަރުކާރުގެ ފަރާތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މެމްބަރު މުހައްމަދު އަމީތު ވަނީ ސިވިލްސާވަންޓުން ސިޔާސީ ހަރަކާތުގައި ބައިވެރިވުމާ ގުޅޭ ގޮތުން ގާނޫނަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ.

ސިވިލް ސާވިސް ގާނޫނު އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ. ގައި ވަރަށް ސާފުކޮށް އެންމެނަށް ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމަށް ބުނެފައި އޮންނައިރު ސިވިލް ސާވިސްގެ ގާނޫނުން ސިވިލް ސާވަންޓުންގެ އެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ. ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ. ގައި ބުނަނީ، ސިޔާސީ ޕާޓީތައް އުފައްދައި، ހިންގައި އަދި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.

ސިޔާސީ ހަރަކާތްތަކުގައި ސިވިލްސާވަންޓުންނަށް ބައިވެރި ނުވެވޭނެ ކަމަށް ބުނާ ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާއަކީ ބާތިލް މާއްދާއެއް ހުކުމްގައި ބުނެފައިވެ އެވެ. އެ ގޮތަށް ހުކުމްގައި ކަނޑައެޅީ ގާނޫނު އަސާސީގެ 63 ވަނަ މާއްދާ އަދި 66 ވަނަ މާއްދާއަށް ރިއާޔަތްކޮށްފައި ކަމަށް އެ ހުކުމްގައިވެ އެވެ.

މަޖިލީހަށް ހުށަހަޅައިވާ ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ސިޔާސީ ހަރަކާތުގައި ސިވިލްސާވަންޓުންނަށް ބައިވެރިވެވޭނެ އެވެ. ނަމަވެސް މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެެއްގެ ބޭނުންކޮށްގެން ސިޔާސީ ހަރަކާތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށާއި ރަސްމީ ގަޑީގައި ސިޔާސީ ހަރަކާތުގައި ބައިވެރިވެގެން ނުވާނެ ކަމަށާއި ސިވިލް ސާވަންޓުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅެގެން ނުވާނެ ކަމަށާއި އެ ބިލުގައި ބުނެފައިވެ އެވެ.

ސިވިލް ސާވަންޓެއްގެ ވަޒީފާގައި ދެމިހުރިހާ ހިނދަކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމުގެ އިތުރަށް އެފަދަ ޕާޓީއެއްގެ މަގާމެއް ފުރުމާއި ޕާޓީއެއް އުފެއްދުމަށް ވެސް ހުށަޙަޅައިގެން ނުވާނެ ކަމަށް މަޑުއްވަދީ ދާއިރާގެ މެމްބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައިވެ އެވެ.