04 Aug 2014, 21:53
ބާސެލޯނާގެ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒްގެ ފައަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ނީޗޭއާ ދެކޮޅަށް ކުޅެ، 1-1 ލަނޑުން އެއްވަރުވި މެޗުގައި ޒަވީ ފެނިގެން ދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ މެޗުގައި ބާސާއިން ކާމިޔާބުކުރި ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޒަވީ އެވެ.
"މިއަދުގެ ފަރިތަކުރުންތަކުގައި ޒަވީގެ ވައަތު ފައިގެ ކުޑަކަޅުވާއަށް ވަނީ އަނިޔާވެފައި،" ބާސާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. "އޭނާއަށް އެނބުރި ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ ތާރީހެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކްލަބުގެ ޑޮކްޓަރުން ނިންމާނެ."
ބާސާ ދޫކޮށް އެހެން ކްލަބަކާ ޒަވީ ގުޅެން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނަމުންދިޔަ ނަމަވެސް، އެ ކްލަބުގެ ޑިރެކްޓަރު އެންޑޯނީ ޒުބިޒަރެޓާ ދާދި ފަހުން ބުނީ، ޒަވީގެ ނިންމުމަކީ ބާސާގައި މަޑުކުރުން ކަމަށެވެ.
މިދިޔަ ސީޒަނުގައި އުމުރުން 34 އަހަރުގެ މިޑްފީލްޑަރު ލަލީގާގައި ބާސާއަށް ކުޅުނު 29 މެޗުން އޭނާ ވަނީ ތިން ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭގެ އިތުރުން ބާސާއަށް ސްޕެނިޝް ލަލީގާގެ ދެވަނަ މަގާމު ހޯދައިދިނުމަށް ޒަވީގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލެވެ އެވެ.