04 Aug 2014, 21:51
ނެދަލޭންޑްސްގެ ފޯވަޑް ރޮބިން ވެން ޕާސީ އެނބުރި މެންޗެސްޓާ ޔުނައިޓެޑާ ގުޅި، އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
ޔުނައިޓެޑާ އޭނާ ގުޅުނީ ވޯލްޑް ކަޕުގެ ތިން ވަނަ މަގާމު ހޯދައިދިނުމަށް ނެދަލޭންޑްސްއަށް އެހީތެރިވެ ދިނުމަށް ފަހު އެވެ. ވޯލްޑް ކަޕަށް ފަހު، ބޮޑު ޗުއްޓީއެއް ހޭދަކުރި ވެން ޕާސީ، އެމެރިކާއަށް ޔުނައިޓެޑް ކުރި ދަތުރުގައި ބައިވެރިވެފައެއް ނުވެ އެވެ.
ވެން ޕާސީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި އޭނާ ލިޔަފައި ވަނީ، ކުރު ޗުއްޓީއަކަށް ފަހު ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށެވެ.
ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ވެން ޕާސީ ބައިވެރިވާން ފެށި ނަމަވެސް، އޭނާ ފިޓްވުމަށް ވަގުތު ދިނުމުގެ ގޮތުން ޕްރިމިއާ ލީގުގައި ސްވަންސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި ވެން ޕާސީއަށް ރެސްޓް ދިނުމަށް އެ ކްލަބުގެ އާ ކޯޗު ލުއިސް ވެން ހާލް ވަނީ ނިންމައިފަ އެވެ.
އާސެނަލްއިން 2012 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ވެން ޕާސީއަށް މިދިޔަ ސީޒަނުގައި ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ އަނިޔާގެ މައްސަލަތެކެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ވެސް އޭނާ ވަނީ ޔުނައިޓެޑަށް މުހިންމު ލަނޑުތަކެއް ކާމިޔާބުކޮށްދީފަ އެވެ.