މިދިޔަ އަހަރު މަސްތުވާ ތަކެއްޗާއި މާރާމާރީގެ މައްސަލަތަކުގައި އެންމެ ގިނަ އަދަދަކަށް ހައްޔަރު ކޮށްފައި ވަނީ އުމުރުން 18 އަހަރާ 20 އަހަރާ ދެމެދުގެ އުމުރު ފުރާގެ ޒުވާނުން ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ 2010 ވަނަ އަހަރުގެ ތަފާސްހިސާބުތަކާ ބެހޭ ގޮތުން އިސްކަންދަރު ބިލްޑިން ގައި މަޢުލޫމާތު ދެއްވަމުން ބިއުރޯ އޮފް ކްރިމިނަލްސް ރިޕޯޓްގެ ހެޑް ޔޫނުސް ސޮބާހް އިއްޔެ ވިދާޅުވީ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާރާމާރީ އާއި ވައްކަމާއި މީހުންގެ މުދަލަށް ގެއްލުން ދިނުން ފަދަ ބޮޑެތި ކުށްކުށުގައި 18 އަހަރާ 25 އަހަރުގެ ޒުވާނުން އިތުރު ވެފައިވާ ކަމަށެވެ. އަދި މާރާމާރީ އާއި ވައްކަމުގެ މައްސަލަތަކުގައި 18 އަހަރުން ދަށުގެ ކުދިން ގިނަ އަދަދަކަށް ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން ވައްކަމުގެ ތަފާތު މައްސަލަތަކުގައި 18 އަހަރާއި 20 އަހަރުގެ އުމުރު ފުރާގެ 124 މީހަކު ހައްޔަރު ކޮށްފައި ވާއިރު 21 އަހަރާއި 23 އަހަރާ ދެމެދުގެ އުމުރު ފުރާގެ 122 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ވައްކަމުގެ މައްސަލަތަކުގައި 18 އަހަރުން ދަށުގެ 73 ކުއްޖަކު ހައްޔަރު ކޮށްފައިވާ އިރު އޭގެ ތެރޭގައި 12 އަހަރާއި 14 އަހަރާ ދެމެދުގެ އަށް ކުއްޖަކު ހިމެނެ އެވެ.
ފޭރުމުގެ މައްސަލަތަކުގައި 18 އަހަރާއި 20 އަހަރާ ދެމެދުގެ 50 މީހަކު ހައްޔަރު ކޮށްފައިވާ އިރު 21 އަހަރާ 23 އަހަރާ ދެމެދުގެ 41 މީހަކު ވަނީ ފޭރުމުގެ މައްސަލަތަކުގައި 2010 ވަނަ އަހަރު ހައްޔަރު ކޮށްފަ އެވެ. އަދި 15 އަހަރާ 17 އަހަރާ ދެމެދުގެ 19 ކުއްޖަކު ވަނީ މިދިޔަ އަހަރު ފޭރުމުގެ މައްސަލަތަކުގައި ހައްޔަރު ކޮށްފަ އެވެ.
މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ކުޑަކުދިން ހައްޔަރު ކޮށްފައިވާ އެއް މައްސަލަ ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދުގެ ހަތަރު ކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި 15 އަހަރާއި 17 އަހަރާ ދެމެދުގެ 67 ކުއްޖަކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި ހަތް އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި މިދިޔަ އަހަރު އުމުރުން 18 އަހަރާ 20 އަހަރާ ދެމެދުގެ 185 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި 21 އަހަރާއި 23 އަހަރާ ދެމެދުގެ 208 މީހަކު ވަނީ މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކޮށްފަ އެވެ. އަށާރަ އަހަރާއި 20 އަހަރާ ދެމެދުގެ އުމުރު ފުރާއިން ހައްޔަރު ކޮށްފައި ވަނީ 185 މީހެކެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖިންސީ ތަފާތު މައްސަލަތަކުގައި 18 އަހަރުން ދަށުގެ 16 ކުއްޖަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި 18 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރު ފުރާއިން 48 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ޖިންސީ މައްސަލަތަކުގައި އުމުރުން 39 އަހަރާއި 41 އަހާރާ ދެމެދުގެ 43 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި 60 އަހަރުން މަތީގެ 13 މީހަކު ވެސް ވަނީ ޖިންސީ މައްސަލަތަކުގައި ހައްޔަރު ކޮށްފަ އެވެ.
މިދިޔަ އަހަރުގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި މާރާމާރީގެ މައްސަލަތަކުގައި އެންމެ ގިނަ އަދަދަކަށް ހައްޔަރު ކޮށްފައި ވަނީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މީހުން ކަމަށް ފުލުހުން ބުންޏެބެ. އެގޮތުން 18 އަހަރުން ދަށުގެ 131 ކުއްޖަކު މާރާމާރީގެ މައްސަލަތަކުގައި ހައްޔަރު ކޮށްފަވާއިރު އޭގެ ތެރޭގައި ތިން އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ. މާރާމާރީގެ މައްސަލަތަކުގައި މިދިޔަ އަހަރު އެންމެ ގިނައިން ހައްޔަރު ކޮށްފައި ވަނީ 18 އަހަރާއި 20 އަހަރާ ދެމެދުގެ މީހުން ނެވެ. އެގޮތުން އެ އުމުރު ފުރާއިން 291 މީހަކު ވަނީ ހައްޔަރު ކޮށްފައިވެ އެވެ. އަދި 21 އަހަރާއި 23 އަހަރާ ދެމެދުގެ 177 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
ދެހާސް ނުވަ ވަނަ އަހަރާ އަޅާބަލާ އިރު 2010 ވަނަ އަހަރު ފުލުހުންނަށް 16995 މައްސަލަ ހުށަހަޅާފައިވާ އިރު މިއީ 2009 އަހަރާ އަޅާ ބަލާއިރު 11 ޕަސެންޓް ދަށް އަދަދެއް ކަމަށް ފުލުހުން ބުންޏެވެ. 2009 އަހަރު ފުލުހުންނަށް 19250 މައްސަލައެއް ވަނީ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ އަހަރު ފެށުނު އިރު ނުނިމި ހުރި މައްސަލަތަކާ އެކު މިދިޔަ އަހަރު 17854 މައްސަލަ އެއް ވަނީ ތަހުގީގު ކޮށް ނިންމައިފަ އެވެ. އަދި 2010 ވަނަ އަހަރުގެ މައްސަލަތަކުގެ ތެރެއިން 13312 މައްސަލައެއް ވަނީ ތަހުގީގު ކޮށްފަ އެވެ. އަދި އޭގެ ތެރެއިން 3323 މައްސަލައެއް ވަނީ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފަ އެވެ. އަދި އޭގެ ތެރެއިން ޕީޖީ އޮފީހުން ދަޢުވާ ކުރުމަށް ޝަރީޢަތަށް ހުށަހެޅި 776 މީހަކަށް މިދިޔަ އަހަރު ހުކުމްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.