31 Mar 2010, 10:53
14:30
މަޝްހޫރު އާރް އެންޑް ބީ ލަވަކިޔުންތެރިޔާ އޭކޮން ރާއްޖޭގައި އޭނާގެ ޝޯއެއް ދިނުމަށް ހަމަޖައްސައިފި އެވެ.
ފުރަތަމަ ސްރީލަންކާގައި ބޭއްވުމަށް ހަމަޖައްސާފައިވާ އެ ޝޯ ރާއްޖޭގައި ބޭއްވުމަށް ހަމަޖެއްސީ އަންހެނަކު ބުއްދާއެއްގެ ކުރިމަތީގައި ނަށާ މަންޒަރުދައްކުވައިދޭ ވީޑިއޯއެއް އޭކޯން ހަދައިފައިވުމުގެ ސަބަބުން ސްރީލަންކާގައި އެ ޝޯ ބޭއްވުމަށް އޭނާ އަށް ވިސާ ނުލިބިގެންނެވެ. ލަންކާގައި ބޭއްވުމަށް ހަމަޖެއްސި އެ ޝޯ ކެންސަލްކޮށްފައި ވަނީ އެ ޝޯގެ ހުރިހާ ޓިކެޓެއްހެން ވިކުނުވެސް ފަހުން ކަމަށް ޝޯ އިންތިޒާމްކުރާ ފަރާތުން ބުނެ އެވެ.
ސުޕަރ ފެސްޓް 2010 ގެނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިޝޯއޯގަނައިޒްކުރާ ފަރާތުން މަޢުލޫމާތުދީފައިވާ ގޮތުގައި، މިޝޯ ބޭއްވޭނީ މާލޭގެ ކްރިކެޓް ސްޓޭޑިއަމްގައި އޭޕްރިލް މަހުގެ 23 ގަ އެވެ. މި ޝޯ އަކީ ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މިބާވަތުގެ އިވެންޓުކަމަށް ވެގެންދާނޭ ކަމަށާއި، 25،000 މީހުން މިޝޯ އަށް އަންނާނޭ ކަމަށް ބެލެވޭ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ވިދާޅުވީ މިބާވަތުގެ އިވެންޓުތަކަށް ސަރުކާރުގެ ފުރިހަމަ ތާއީދު އޮތް ކަމަށާއި، މިޝޯ ކުރިއަށް ގެންދިއުމަށް ސަރުކާރުން ހުއްދަދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ އަށް ފައިދާތަކެއްވާނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.