ފ. ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ޗެންޕިއަންކަން ހޯދައި، ތަށި މިލްކުކޮށްފި އެވެ.

ބަށި މުބާރާތުގެ ތަށި ފީއަލި މިލްކުކުރީ 2012 ވަނަ އަހަރާއި މިދިޔަ އަހަރާއި މިއަހަރުގެ ބަށި މުބާރާތުގެ ޗެންޕިއަންކަން ހޯދައިގެންނެވެ. މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު ބަށި މުބާރާތުގެ ފައިނަލް މެޗު ފީއަލި ކާމިޔާބުކުރީ މިދިޔަ އަހަރުގެ ފައިނަލުގައި ވެސް އެ ޓީމުން ބަލި ކުރި މައްޗަންގޮޅި ވިދުވަރާ ބައްދަލުކޮށެވެ. މައްޗަންގޮޅި ވިދުވަރުގެ މައްޗަށް ފީއަލީ މިއަދު ކުރި ހޯދީ 35 ލަނޑު ދެ ފޯލިން މެޗް ކާމިޔާބު ކޮށްގެންނެވެ. މައްޗަން ގޮޅި ވިދުވަރު ކުޅެން ހަމަޖެހިފައިވާ ވަގުތު ހަމަވީ އިރު އެ ޓީމަށް ހެދިފައި ވަނީ 30 ލަނޑު ސުން ފޯލި އެވެ.

މެޗަށް ނުކުތުމުގެ ކުރިން ވިދުވަރު ޓީމާއި ފ. ފީއަލީ ޓީމް -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިއަހަރު ވެސް ބަށި މުބާރާތުގެ ޗެންޕިއަންކަން ފީއަލި ހޯދުމުން އެ ޓީމަަށް ވަނީ 100،000 ރުފިޔާގެ ލިބިފަ އެވެ. އެ ޓީމަށް ތައްޓާއި ރަން މެޓަލް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހްމާން ޔޫތު މިނިސްޓަރު މުހައްމަދު މަލީޖު ޖަމާލެވެ.

މުބާރާތުގެ ރަނަރަޕް މައްޗަންގޮޅި ވިދުވަރު ޓީމަށް ލިބުނީ 50،000 ރުފިޔާގެ އެވެ. މިއަހަރުގެ ބަށި މުބާރާތުގެ ތިން ވަނައަށް ހޮވުނީ ރިއަލް އައިލެންޑެވެ. އެ ޓީމަށް ވެސް ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ލިބިފަ އެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން، މައްޗަންގޮޅި ވިދުވަރު ޓީމް -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ފެއާޕްލޭ ޓީމަކަށް ހޮވުނީ އދ. ކުނބުރުދޫ ޓީމެވެ. އެ ޓީމުން ވަނީ ބަށި ރާނީގެ މަގާމާއި އުންމިދީ ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ބަށި ރާނީއަކަށް މިއަހަރު ހޮވުނީ ކުނބުރުދޫ ޓީމުގެ އައިޝަތު ޝަބާނާ އެވެ. އޭނާ ވަނީ މުބާރާތުގައި ކުޅުނު ހުރީހާ މެޗަކުން ޖުމްލަ 965 ޕޮއިންޓް ހޯދާފަ އެވެ. ޝަބާނާ ވަނީ މިއަހަރު މުބާރާތުގައި 673 ފޯލި ސައިކޮށްފަ އެވެ. އަދި 292 ފޯލި ޝަބާނާ ވަނީ ހިފާފަ އެވެ. މުޅި މުބާރާތުގައި އެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެސް ޝަބާނާ އެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން، މައްޗަންގޮޅި ވިދުވަރު ޓީމް -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އދ. ކުނބުރުދޫ ޓީމުގެ ހަދީޖާ އާމިރާ އެވެ. މުޅި މުބާރާތުގައި އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިއަކަށް ހޮވުނީ ރިއަލް އައިލެންޑުގެ އައިޝަތު މިންހާ އެވެ.

ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން ޔޫތު މިނިސްޓަރު މިއަދު ވިދާޅުވީ، ބަށްޓަކީ ދިވެހިންގެ ވަރަށް ހާއްސަ ސަގާފީ ކުޅިވަރެއް ކަމަށާއި އެ ކުޅިވަރު އިތުރަށް ތަރައްގީ ކުރުމަށް ކޮންމެ ސްޕޯޓްސް އެރީނާއެއްގައި ވެސް ބަށި ކޯޓެއް ހިމަނަން އިސްކަން ދެއްވާނޭ ކަމަށެވެ.

އޭގެ އިތުރުން ސްޕޯޓްސް އެރީނާތައް ތަރަށްގީ ކުރާއިރު މިނިސްޓްރީގެ ވިސްނުން ހުރީ ހަމަ އެކަނި ދުވާލު ގަޑީގެ އިތުރުން ރޭގަނޑު ވެސް ކުޅެވޭނެ އިންތިޒާމް އެތަންތާގައި ހަމަޖައްސައިގެން އެތަންތަން ތަރައްގީ ކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ބަށި ރާނީއާއެކު ޔޫތު މިނިސްޓަރު މަލީހު -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން