04 Aug 2014, 16:49
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ނަންފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއަށް އިންޒާރުގެ އެސްއެމްއެސްތަކެއް ފޮނުވަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، މިނިސްޓަރު އުމަރުގެ ނަންފުޅުގައި ތަފާތު އެކި ދުވަސްމަތިން އީވާއަށް އިންޒާރުގެ މެސެޖުތަކެއް ފޮނުވަމުން އަންނަ ކަމަށެވެ. އެކަން މިނިސްޓަރަށް އެނގިވަޑައިގަތީ އީވާ އޭނާގެ ޓްވީޓާ އެކައުންޓުގައި ލިޔުއްވުމުން ކަމަށާއި މިހާރު އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ތަޒުމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި އެއީ ރާއްޖޭން ބޭރުގެ ނެޓުވޯކަކުން ފޮނުވާ މެސެޖެއް ކަމަށާއި އެކަމުގައި ދިވެހި ބައެއްގެ އަތެއް ވާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
"އެކަމުގައި ދިވެހި ބައެއްގެ އަތެއް ވާކަމަށް ތުހުމަތު ކުރެވޭ. ފުލުހުން އެ ގެންދަވަނީ އެކަން ކުރާ ބަޔަކު ހޯދުމުގެ މަސައްކަތް ކުރައްވަމުން،" ތަޒުމީލް ވިދާޅުވި އެވެ.
ތަޒުމީލް ވިދާޅުވިގޮތުގައި، ހޯމް މިނިސްޓަރު ވަނީ އެ މައްސަލަ ހުރިހާ ވަޒީރުންގެ ސަމާލުކަމަށް ގެންނަވާފައިވާ ގެންނަވާފަ އެވެ.
އޭނާ ވިދާޅުވީ ހޯމް މިނިސްޓަރަކީ އެއްވެސް މީހަކަށް އިންޒާރުގެ މެސެޖުތައް ފޮނުވާނެ ބޭފުޅެއް ނޫންކަމަށާއި އެ މަނިކުފާނާ ބެހޭގޮތުން ފެތުރެމުންދަނީ ދޮގުވާހަކަތަކެއް ކަމަށެވެ.