04 Aug 2014, 16:21
ނުރައްކާތެރި އެބޯލާ ވައިރަސް ފެތުރޭތީ އެފްރިކާގެ ތިންގައުމެއްގެ ރައްޔިތުން ހައްޖާއި އުމްރާއަށް ދިއުމަށް ބޭނުންވާ ވިސާ ނުދޭން ސައުދީ އަރަބިއްޔާ ސަރުކާރުން ނިންމައިފިއެވެ.
ސައުދީއަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުގެ ތަރުޖަމާނު ޚާލިދު މަޣަލާނީ ވިދާޅުވިކަމަށް ސައުދީގެޒެޓް ނޫހުން ބުނީ އެބޯލާ ވައިރަސް ފެތުރޭތީ ސިއެރަލިއޯންއާއި ގިނީއާއި ލައިބީރިއާގެ ރައްޔިތުންނަށް މިފަހަރު ވިސާ ނުދޭނެ ކަމަށެވެ.
" މިނިސްޓްރީ އޮފް ހައްޖާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ ގުޅިގެން މިދަނީ މަސައްކަތް ކުރަމުން ސަރަހައްދީ ރޮނގުތަކާއި އެއާޕޯޓްތަކުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅަން. އެތެރެވާން ހުރި ހުރިހާ ބަނދަރެއްގައި ތިބި އޮފިޝަލުންނަށް އަޅުގަނޑުމެން ވާނީ އިރުޝާދުދީފައި. އެބޯލާ ވައިރަސް ދެނެގަންނާށާ އެބަލީގެ ކަންކަމުގައި މުއާމަލާތްކުރުމަށާ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ މީހުން ތަމްރީނުކޮށްފައި،" މަޣަލާނީ ވިދާޅުވިކަމަށް ނޫހުގައި ވެއެވެ.
ސައުދީ ހައްޖުމިނިސްޓްރީގެ އަންޑަސެކްރެޓަރީ ޑރ. ހުސައިން ޝަރީފު ވިދާޅުވެފައި ވަނީ އާއްމުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި އެގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަން ތަރުޖަމާނު ޚާލިދު އަލް ޚައިބަރީ ވިދާޅުވެފައި ވަނީ ވިސާ ދޫނުކުރަން ނިންމާފައިވާ ގައުމުތަކާ ސައުދީ އަރަބިއްޔާއާ ދެމެދު ސީދާގޮތެއްގައި ވައިގެ ދަތުރުކުރަނީ ހަމައެކަނި ހައްޖުމޫސުމުގައި ކަމަށެވެ.
ހަށިގަނޑުގެ ތެތްކަން (ލެޔާއި ކުޅާއި އެފަދަ އެހެން ވެސް ތަކެތީގެ) ޒަރިއްޔާއިން ފެތުރޭ އެބޯލާ ރޯގާ ޖެހިގެން އެފްރިކާގެ ބައެއް ގައުމުތަކުން ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފައެވެ. ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސިއެރަލިއޯން އިން 224 މީހުން ވަނީ މަރުވެފައެވެ. އަދި ގިނީ އިން 319 މީހުންނާއި ލައިބީރިއާއިން 219 މީހުން ވެސް ވަނީ އެބަލީގައި މަރުވެފައެވެ.