އިނގިރޭސި ޕްރިމިއަ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗުގައި އެޓީމުގެ ނެދަލެންޑްސް ތަރި ވެން ޕާސީއަށް ނުކުޅެވޭނެ ކަމަށް ޔުނައިޓެޑްގެ ކޯޗު ލުއިސް ވެންހާލް ބުނެފި އެވެ.

ޗުއްޓީގައި ހުރުމުގެ ސަބަބުން މެންޗެސްޓާއިން އެމެރިކާގައި ކުޅެމުންދާ އެކުވެރިކަމުގެ މެޗުތަކުގައި ވެން ޕާސީ ފެނިފައެއް ނުވެއެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ވެން ޕާސީ މިއަދުން ފެށިގެން ބައިވެރި ވާނެކަމަށް ވެން ހާލް ވަނީ ބުނެފައެވެ.

"އޮގަސްޓް 12 ދުވަހު ވެލެންސިޔާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި އަދި ޕްރިމިއާލީގުގެ ފުރަތަމަ މެޗްގައި ވެން ޕާސީއެއް ނުފެންނާނެ،" ދާދިފަހުން ޔުނެއިޓްޑާ ހަވާލުވި ކޯޗު ބުންޏެވެ.

އިންޓަނޭޝަނަލް ކަޕްގެ ފައިނަލް މެޗުގައި ލިވަޕޫލާ ދެކޮޅަށް ނުކުތުމުގެ ކުރިން ވެން ހާލް ބުނެފައި ވަނީ ވެން ޕާސީ ކޮންމެ މެޗެއްގައި ވެސް ކުޅެން ބޭނުންވާ ކަމަށެވެ. މިވަގުތު ސްކޮޑުގައި ތިބި 30 ކުޅުންތެރީން ވެސް އެގޮތް ބޭނުންވާނެ ކަމަށާއި ކޮންމެ ކުޅުންތެރިޔަކަށް ވެސް ޓްރެއިނިން މުހިންމު ކަމަށެވެ. އެގޮތުން ވެން ޕާސީއަށް ފުލް ޓްރެއިނިން މިވަގުތަށް މުހިންމުވެފައި ވާ ކަމަށް ވެސް ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.

ވެން ހާލް ބުނީ އޭނާގެ ނިންމުންތަކަށް ބައެއް މީހުން ފާޑުކީ ނަމަވެސް ޓީމުގެ ކުޅުންތެރިންނަށް ރެސްޓް ވެސް ބޭނުންވާ ކަމަށެވެ. އެގޮތުން ޓީމްގެ ފަރިތަކުރުންތަކާ ވެން ޕާސީ ގުޅުނީ ތިން ހަފްތާގެ ޗުއްޓީއަކަށް ފަހުގައި ކަން އޭނާ ފާހަގަ ކުރިއެވެ. މިވަގުތަށް ވެން ޕާސީގެ ފިޓްނަސް ރަނގަޅު ނޫންކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ ފިޓްނަސް ހަލުވިކަމާއެކު ރަނގަޅު ވާނެކަމަށް އުންމީދުކުރާ ކަމަށް ވެސް ވެން ހާލް ބުންޏެވެ.

ވެން ޕާސީ ވަނީ ނިމިދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ނެދަލެންޑްސް އަށް ތިންވަނަ މަގާމް ހޯދުމަށް އެހީތެރިވެދީފަ އެވެ.