04 Aug 2014, 15:52
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކޮސްޓަރިކާގެ ގައުމީ ޓީމުން ވިދާލީ އެޓީމްގެ ގޯލްކީޕަރު ކޭލޯ ނަވާސް ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅިއްޖެ އެވެ.
ބްރެޒިލްގައި ނިމިދިޔަ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ކޮސްޓަރިކާގެ ގޯލް ބެލެހެއްޓި ނަވާސް ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި އެ މުބާރާތުގައި ކޮސްޓަރިކާ ވަނީ ކުއާޓާ ފައިނަލްގައި ވެސް ވާދަކޮށްފައެވެ. އުމުރުން 27 އަހަރުގެ މި ކުޅުންތެރިޔާ ރެއާލް މެޑްރިޑާ ގުޅުނީ ސްޕެއިންގެ ލަވެންޓޭއިންނެވެ.
ރެއާލް މެޑްރިޑުން ވަނީ ނާވާސްގެ ރިލީސް ހޯދުމަށް ލެވަންޓޭއަށް 7.9 މިލިއަން ޕައުންޑް ދީފައެވެ. ރެއާލްގެ ސަޕޯޓަރުންނަށް އެޓީމުގެ ދަނޑުގައި ނަވާސް ދައްކާލުން މާދަމާ އޮންނާނެ އެވެ. އަދި އެއައްފަހު މާދަމާގެ ވަގުތެއްގައި ކްލަބާއެކު މެޑިކަލް ހަދާނެކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޖަރުމަނުގެ ބަޔާން މިއުނިކުން ވެސް ވަނީ ނަވާސް ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ރެއާލް މެޑްރިޑަށް ނަވާސް ސޮއިކުރުމާއެކު އެޓީމުގެ ފުރަތަމަ 11 ގައި ކީޕަރުންގެ ވާދަވެރިކަން ބޮޑުވެގެން ދާނެ އެވެ. މިހާރު ރެއާލްގައި ތިބި ކީޕަރުންނަކީ ޑިއެގޯ ލޯޕޭޒް އާއި އިކާ ކަސިއަސް އެވެ.
ނަވާސް އަކީ ޔޫރަޕުގެ ޗެމްޕިއަނުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިސީޒަނަށް ގެނައި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އެ ޓީމަށް ވަނީ ވޯލްޑްކަޕްގެ ޗެމްޕިއަން ޖަރުމަނުގެ ޓޯނީ ކުރޫސް އާއި ކޮލަމްބިޔާގެ ފޯވާޑް ހަމޭސް ރޮޑްރިގޭޒް ގެނެސްފައެވެ.