އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ބާއްވާ ޓެލެތޯން ހަރަކާތުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ހެލްޕް ގާޒާ ޓާސްކްފޯހުން ބުނެފި އެވެ.

މިއަދު މެންދުރުފަހު ޓީވީއެމް ސްޓޯޑިއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްޕް ގާޒާ ޓާސްކް ފޯހުގައި ހިމެނިވަޑައިގަންނަވާ ވީޓީވީގެ ސީއީއޯ އިބްރާހީމް ޚަލީލް ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް އެއްދުވަހުގެ މުސާރަ ދިނުމަށް ދައުލަތުގެ ބައެއް ކުންފުނިތަކުން ނިންމާފައިވާ ކަމަށެވެ.

"ދައުލަތުގެ ބައެއް ކުންފުނިތަކުން ވަނީ އަޅުގަނޑުމެންގެ މި ހަރަކާތް އެންޑޯޒް ކޮށްފައި. ބައެއް ކުންފުނިތަކުން އެއްދުވަހުގެ މުސާރަ ހަދިޔާ ކުރުމަށް ވަނީ ނިންމާފަ. ބައެއް ކުންފުނިތަކުން މުވައްޒަފުންނާއި ވާހަކަ ދައްކައިގެން އެކަމާއި ގުޅޭ މަޝްވަރާތައް ކުރަމުން. އަދި ބައެއް ކުންފުނިތަކުން ދަނީ ހަރަކާތްތަކެއް ރާވަމުން،" ޚަލީލް ވިދާޅުވި އެވެ.

ހެލްތް ގާޒާ ޓެލްތޯނުގައި ބައިވެރިވުމަށް ނިންމާފައިވާ ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ އާއި އައިލެންޑް އޭވީއެޝަނާއި އަދި އުރޫދީ ހިމެނޭ ކަމަށް ޚަލީލް ވިދާޅުވި އެވެ.

ހެލްޕް ގަޒާ ޓެލްތޯން ފްރޮމޯޓް ކުމުގެ ގޮތުން "މަވެސް އެހީ ވާނަން" މި ނަމުގައި މުޅި ރާއްޖޭގައި ހަރަކާތެއް ހިންގަން ނިންމާފައިވާ ކަމަށާއި އެ ހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާނީ އެސްޓިއޯއިން ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި "ގަޒާ ފަންޑު މޯލްޑިވްސް"ގެ ފަރާތުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގަތެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމްރާން ވިދާޅުވީ އެ ޕާޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެހީ ހޯދުމުގެ ހަރަކާތް މެދުކަނޑާލުމަށްފަހު ހެލްތް ގާޒާ ޓެލްތޯން ގައި ބައިވެރިވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"ދިވެހި މީޑިއާއިން އިސް ނެންގެވި [އެހީ ހޯދުމުގެ މި ހަރަކާތައް] ގައްޒާ ފައުންޑް މޯލްޑިވްސް އިން ތާއިދުކުރީ ވަރަށް ވެސް އިހްތިރާމާއި އުފަލާއެއެކުގަ. އަޅުގަނޑުމެން މި ތިބީ އެއްބާރުލުންދީގެން އެކުގައި މަސައްކަތް ކުރަން. އެހެން ކަމުން މިއަންނަ ހުކުރު ދުވަހުން ފެށިގެން އަޅުގަނޑުމެން ގައްޒާ ފަންޑް މޯލްޑިވްސް އިން ކުރަމުންގެންދިޔަ އެހީ ހޯދުމުގެ ހުރިހާ ހަރާކާތެއް ހިންގާނީ ހެލްތް ގާޒާ ޓެލްތޯނާއެކުގައި،" އިމްރާން ވިދާޅުވި އެވެ.

ހެލްޕް ގަޒާ ޓާސްކްފޯހުގައި ހިމެނިވަޑައިގަންނަވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޗެއާމަން އިބްރާހީމް އުމަރު މަނިކު ވިދާޅުވީ 33 ގަޑިއިރާއި 30 މިނެޓް ކުރިއަށްގެންދާ ޓެލްތޯން ގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަ ޖެހިފައިވާ ކަމަށެވެ. އަދި އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮން ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ ޓެލެތޯންގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން މިހާތަނަށް ދީފައި ނުވަނީ އެއް ޓީވީ ޗެނަލާއި ރޭޑިޔޯ ޗެނަލަކުން ކަމަށެވެ.

ހެލްޕް ގަޒާ ޓެލްތޯނުގެ ސްޓިއަރިން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަން މީޑިއާގެ ޗީފް އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ޓެލެތޯން ކުރިއަށްދާ ވަގުތުތަކުގައި ސިޔާސީ ޕާޓީތަކުނާއި ޖަމިއްޔާ ތަކުންނާއި އަދި ކުންފުނިތަކުން އެހީހޯދުމަށް ކުރިއަށް ގެންދާ ހަރަކާތްތައް މީޑިއާ މެދުވެރިކޮށް ގެނެސްދޭނެ ކަމަށެވެ.