ބައިނަލްއަގްވާމީ ފުޓްބޯޅައިން ރިޓަޔާކުރުމުގެ ވިސްނުމެއް ގެންގުޅޭކަމަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ސާމިރު ނަސްރީ ބުނެފި އެވެ.

ނަސްރީ ބުނީ ގައުމީ ޓީމުން ރިޓަޔާކުރަން ނިންމި ނަމަވެސް ކްލަބް ފުޓްބޯޅައިގައި ދެމިހުންނަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ގައުމީޓީމަށް މިވީހާތަނަށް ކުޅެގެން ހޯދުނު އެއްވެސް އުފަލެއް ނެތްކަމަށެވެ.

އެ ނިންމުން ނިންމައިފިނަމަ މިހާރު އޭނާ ކުޅެމުންދާ ކުލަބް މެންޗެސްޓާ ސިޓީއަށް ފައިދާ ތަކެއް ވެގެންދާނެކަމަށް ވެސް ނަސްރީ ބުންޏެވެ.

ނިމިގެންދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝޭމްޕްސް ނެގި ސޮކްޑުން ނަސްރީއަށް ޖާގައެއް ނުދެއެވެ. އަހްލާގީ މައްސަލަތަކުގެ ސަބަބުން ނަސްރީއަށް ވަނީ ފްރާންސްގެ ގައުމީޓީމުގައި ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ނަސްރީގެ ޓްވީޓާގައި ބުނެފައިވާ ގޮތުގައި އެފަދަ ގޮތަކަށް ވިސްނުން ގެންގުޅެން ފެށީ އެއީ އެނާއަށް ފައިދާ ކުރާނެ ކަމެއް ކަމުގައި ދެކޭތީ އެވެ. އަދި މެންޗެސްޓާ ސިޓީއަށް ބަދަލުވެ އެކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހާސިލްކުރަން ވިސްނުން ގެންގުޅޭ ކަމަށް ވެސް ނަސްރީ ބުންޏެވެ.

ނަސްރީ ވަނީ މެންޗެސްޓާ ސިޓީއާއެކު ދެ ޕްރްމިއަ ލީގް ކާމިޔާބު ކޮށްފައެވެ. ފްރާންސްގެ ގައުމީޓީމަށް އޭނާ ކުޅުނު 41 މެޗުގައި ފަސް ލަނޑު ޖަހާފައި ވެއެވެ.