ޑިމޮކްރަސީ އަށް ހިނގާ ވެރިކަމެއްގައި އަދި ޑިމޮކްރަސީއަކަށް ހިނގާ މުޖްތަމަޢެއްގައި ތަރައްޤީއަށް ބެލިކަމުގައި ވިޔަސް އަދި އެހެން ކޮންމެ ކަމަކަށް ބެލި ކަމުގައިވިޔަސް އެންމެ ފުރަތަމަ އަސާސަކީ އިންތިޚާބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޮންމެ ހުކުރު ދުވަހަކު ވެސް ދެއްވާ ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިތޯބުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބު ބިނާވެފައި އޮންނަނީ، ކެންޑިޑޭޓުންގެ އިންތިޚާބީ ހައްޤުގެ މައްޗަށް ކަމަށާއި އެ އިންތިޚާބީ ހައްޤަށް ބަދަލު ނާންނަހާ ހިނދަކު، އެއިންތިޚާބަކާ ގުޅޭ އެއްވެސް ކަމަކަށް ބަދަލު އަންނާނޭ އެއްވެސް ސަބަބެއް ޤައުމުތަކުގައި ފެނިފައި ނެތް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި، މި ރާއްޖޭގައި ވެސް އިރާދަކުރެއްވިއްޔާ، އެކަން ހިނގަމުންދާނީ ހަމަ އެފަދައިން. އަޅުގަނޑަށް މިއަދު މިފެންނަނީ ވަރަށް އުފާވެރި މަންޒަރެއް. އަޅުގަނޑުމެނަށް މިފެންނަނީ، އަޅުގަނޑުމެންގެ ރާއްޖޭގައި މީގެ ހަތަރު، ފަސް އަހަރު ކުރީގައި ވެސް ހަމަ އަޅުގަނޑުމެނަށް އެއްގޮތަކަށް ވެސް ތަސައްވުރު ނުކުރެވޭ، މަންޒަރު ނުކުރެވޭ، ސިފަ ނުކުރެވުނު ކިތަންމެ ކަމެއް މިއަދު އަޅުގަނޑުމެން މިއަންނަނީ ޙަޤީޤަތުގެ ގޮތުގައި ދެކެމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީގެ ހަތަރު، ފަސް އަހަރު ކުރީގައި، އެ މަނިކުފާނު ކުރެއްވި މަސައްކަތާ ދޭތެރޭ އާއިލާ މީހުންނާއި ރައްޓެހިން ދެކެމުން އައިގޮތް މަތިން ހަނދުމާ ވާ ކަމަށާއި އެއީ ކާމިޔާބެއް ލިބޭނެ ކަމެއް ނޫން ކަމަށް އޭރުއްސުރެ ފަށައިގެން ވަރަށް ގިނަ ބަޔަކު ދުށް ކަމަށެވެ.
ވާދަވެރި ސިޔާސީ ނިޒާމަކީ ޤައުމު ހަލާކު ކުރުވާ ކަމެއްގެ ގޮތުގައި، ވަރަށް ގިނަ ބޭފުޅުން ގެންދެވީ ސިފަ ކުރައްވަމުން ކަމަށާއި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް، ސިޔާސީ ޕާޓީ އުފެއްދުމަށް އެދި އޭރުގައި، އޭރު މާލޭ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން މަޖިލީހަށް ހުށަހެޅި ހުށަހެޅުމަކާ ގުޅޭ ގޮތުން މެންބަރުންގެ އިހްސާސްތައް އެދުވަހު ވެސް އަޑުއިވިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އޭގެތެރެއިން ގިނަ ބޭފުޅުންނަކީ މިހާރު ސިޔާސީ ޕާޓީތަކުގައި ވަރަށް އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން ކަމަށާއި އެހެން ނަމަވެސް، އެދުވަހު އެބޭފުޅުން ދެކެވަޑައިގަތީ، ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އުފެއްދުމަކީ ގޯސް ކަމެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް އޭރުވެސް، އެދުވަހު ވެސް އެނގޭ، ތަރައްޤީއަށް އޮތް ހަމައެކަނި މަގަކީ ޑިމޮކްރަސީކަން. ދެފުށް ފެނުންކަން، ނާޖާއިޒު ފައިދާއިން އެއްކިބާވުންކަން، ކޮރަޕްޝަނުން ސަލާމަތްވުންކަން. އަދި އިންސާނީ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތުންކަން،" ރައީސް ވިދާޅުވި އެވެ.
ޑިމޮކްރަސީ އާއި ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވާ ކަންތައްތަކަކީ، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަދި ސުލްހަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރުސަތު ކަމަށާއި އެ ކަންކަން ފަހިވެގެން ގޮސްގެން ނޫނީ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ނުލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިއަދުގެ ރޭޑިޔޯ ޚިތޯބުގައި ރައީސް ވިދާޅުވީ މިދުވަސްވަރު އަޅުގަނޑުމެންގެ ތެރޭ އެންމެ ޖޯޝާއި ފޯރިއާ އެކީގައި، ޚާއްސަކޮށް ސިޔާސީ ފަރާތްތަކުގެ މެދުގައި ހިނގާ އެއް މަސައްކަތަކީ، ކުރިއަށް މިއޮތް ލޯކަލް އިންތިޚާބު ނުވަތަ ރަށު ކައުންސިލް އިންތިޚާބުތައް، އަތޮޅު ކައުންސިލް އިންތިޚާބުތަކުގެ އިންތިޚާބަށް ވާދަކުރާ ފަރާތްތަކުން ކުރަމުން ގެންދާ ކެމްޕެއިންގެ ކަންތައް ކަމަށެވެ. އަދި ވާދަވެރިކަމާ އެކީގައި، ސުލްހަވެރިކަމާ އެކީގައި ޚާއްސަކޮށް، ކެމްޕެއިންތައް ކުރައްވަމުން ގެންދާކަމީ، ރާއްޖޭގެ ޑިމޮކްރަސީ ތަސައްރަފް ފުދިގެން އަންނަ މިންވަރު ދައްކުވައިދޭ ވަރަށް ރަނގަޅު މިންގަނޑެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ނިސްބަތްވާ ޕާޓީގެ ކެމްޕެއިންގައި ވެސް އަމިއްލަ ފުޅަށް އުޅުއްވާ ކަމަށާއި ނަމަވެސް އެކަން ކުރަމުން ގެންދަންޖެހޭނީ، ޑިމޮކްރަސީއެއްގައި އެކަންކުރާ އުސޫލުން ކަމަށެވެ. އަދި އެއީ މިހާރުގެ ސިޔާސީ ޙަޤީޤަތް ކަމަށާއި އެއީ މި ރާއްޖޭގެ ޤާނޫނު އަސާސީގެ ރޫހު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިކެމްޕެއިންގައި އެކިއެކި ބޭބޭފުޅުންނާ ބައްދަލުކޮށް އަދި އަޅުގަނޑު ވެސް ނިސްބަތްވާ ޕާޓީގެ މަސައްކަތުގައި ވެސް އަޅުގަނޑު އެބައުޅެން. މިސާލަކަށް، ހަމަ އެހެން ވެސް ރަށްރަށުގައި، އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީއެއްގެ ރައީސް ނުވަތަ ބޮޑުވަޒީރު ކެމްޕެއިންތަކުގައި ބައިވެރިވާ މިންވަރަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެންމެނަށް ވެސް ނުކުރާންވީ ކޮންކަމެއްކަން އެނގޭ ކަމަށެވެ.
"ނުކުރާންވީ ކަމަކީ ދައުލަތުގެ އާރާއި ބާރު ބޭނުންކޮށްގެން، އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަންނަފަދަ އެއްވެސް ކަމެއް އެއްވެސް ބޭފުޅަކު ކޮށްގެން ނުވާނެ. ދައުލަތުގެ އެއްވެސް ބޭފުޅެއްވެސް. އަދި އަމިއްލަ ފަރާތެއްގެ ފަރާތުންވެސް، ވަކި ފަރުދެއްގެ ފަރާތުންވެސް މިދެންނެވި ބާވަތުގެ އެއްވެސް ކަމެއް ހިނގައިގެން ނުވާނެ." ރައީސް ވިދާޅުވި އެވެ.