04 Aug 2014, 14:23
"ޓެމްޕަލް ހަލާކުކުރި ދުވަސް" މިނަމުގައި ޔަހޫދީން ފާހަގަ ކުރާ ދުވަހަކާ ގުޅިގެން މަސްޖިދުލް އަޤުޞާއަށް ޔަހޫދީން ވައްދަން އުޅުމުގެ ތެރޭގައި އިސްރާއީލު ފުލުހުން އެމިސްކިތުގައި ހަމަނުޖެހުން ހިންގައިފިއެވެ.
މިޑުލް އީސްޓް އައި ނޫހުން ބުނީ މިސްކިތަށް ޔަހޫދީން ވައްދަން ވެގެން ފަލަސްތީނުމީހުން މިސްކިތުން ނެރުމަށް އިސްރާއީލު ފުލުހުން ރަބަރު ވަޒަނާއި ސްޓަން ގްރެނޭޑް ބޭނުންކުރި ކަމަށެވެ. އަދި ބުނީ ރައްދުގައި ފަލަސްތީނު މީހުން އެމީހުންގެ ފައިވާނާއި ގާ އުކި ކަމަށެވެ.
އަގުސާ މިސްކިތުގައި ޔަހޫދީންނާ މުސްލިމުންނާ ދެމެދު ހަމަނުޖެހުން ހިނގާފާއި ވާއިރު ހުޅަނގު އައްސޭރީގެ މަސްރަހުވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެއީ ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ގަތުލުއާއްމުތަކާ ގުޅިގެންނެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި މިހާތަނަށް 1822 ފަލަސްތީނީން ވަނީ ޝަހީދުކޮށްފައެވެ. އަދި އެއުދުވާނުގައި ޒަހަމްވީމީހުންގެ އަދަދު ވަނީ 9420 އަށް އަރާފައެވެ.
އަލް އަޤުޞާ މިސްކިތަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާއެވެ. ޔަހޫދީން ވެސް ދެކެނީ އެއީ އެމީހުންގެ މުޤައްދަސް ތަނެއްގެ ގޮތުގަ އެވެ. "ޓެމްޕަލް މައުންޓް" ގެ ނަމުން އެމީހުން ދަންނަ އެތަނަނީ ޤަދީމީ ޒަމާނުން ފެށިގެން އެމީހުންގެ ފައްޅިތައް ހުރި ތަނެއް ކަމަށް ޔަހޫދީން ގަބޫލުކުރެއެވެ. އިސްރާއީލު އުފައްދައި އިރުމަތީ ޤުދުސް ހިފިފަހުން އަދި އަދަށް ވެސް އެމިސްކިތް ހުރީ އެމީހުންގެ ބާރުގެ ދަށުގައެވެ.