ހުޅުމާލެއިން މިއަދު ގަޑިއެއްހާއިރަށް ފެނުގެ ޚިދުމަތް މެދުކެނޑިއްޖެ އެވެ.

މުޅި ހުޅުމާލެއިން ފެނުގެ ޚިދުމަތް މެދުކެނޑިފައި ވަނީ މިއަދު މެންދުރު ގާތްގަނޑަކަށް 12:45 ހާއިރުން ފެށިގެނެވެ.

ހުޅުމާލެއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެމްޑަބްލިއުއެސްސީ ގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އިބްރާހީމް އަކްރަމް ވިދާޅުވީ ފެނުގެ ޚިދުމަތް މެދުކެނޑިފައި ވަނީ ފެން ފޯރުކޮށްދިނުމަށް ބޭނުން ކުރާ ސިސްޓަމްގެ ކަރަންޓަށް ދިމާވި މައްސަލަ އަކާ ގުޅިގެން ކަމަށެވެ.

ކަރަންޓުގެ މައްސަލަ ދިމާވުމުން މަތީ ފަންގިފިލާ ތަކަށް ފެން ފޯރުކޮށްދޭން ބޭނުންވާ ޕްރެޝަރު، ފެން ފޯރުކޮއްދޭ މޯޓަރު ތަކަށް ނުލިބުމުގެ ސަބަބުން އެ އިމާރާތްތަކުން ފެނުގެ ޚިދުމަތް މެދުކެނޑުނު ކަމަށާއި 2:00 އެހައިކަންހާއިރު އެ މައްސަލަ ހައްލު ކުރެވި، މުޅި ހުޅުމާލެއަށް ފެނުގެ ޚިދުމަތްދޭން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެނުގެ ޚިދުމަތް މެދު ކެނޑުނު ވަގުތު ހުޅުމާލޭގައި ދިރިއުޅެމުންދާ މީހުން ވަނީ ފިހާރަތަކުން ފެންގަނެފަ އެވެ. އެވަގުތުތަކުގައި ފިހާރަތައް ކައިރީ ކިޔުތަކެއް ވަނީ ހަދާފަ އެވެ.

ހުޅުމާލެ އަކީ 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ މާލޭގެ ހަ ވަނަ އަވަށެވެ.