ރާއްޖޭގެ ހިސާބުތަކުގައި ހިންގާ ގޭންގު މާރާމާރީތައް ހުއްޓުވޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ މަސައްކަތް ކުރުމުގެ ފުރުސަތު ފުލުހުންނަށް ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މާރާމާރީތައް އިތުރުވާތީ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވުމަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވައި މެންބަރުން ވިދާޅުވީ ރާއްޖޭގައި އާންމުވެފައިވާ މާރާމާރީއާއި ގޭންގު ކުށްތައް ހުއްޓުމަކަށް ގެނެވޭނީ ފުލުހުންނަށް އެ މީހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގެ ފުރުސަތު ފުރިހަމަ އަށް ދީގެން ކަމަށެވެ.

މެމްބަރުން ވިދާޅުވީ ރާއްޖޭގައި މާރާމާރީތައް ގިނަވަނީ ގޭންގުތައް އިތުރުވަމުން ދިއުމުގެ ސަބަބުން ކަމަށާއި އެކަމުގެ ފަހަތުގައި ވަނީ ސިޔާސީ ފަރާތްތަކެއް ކަމަށެވެ.

އެފަދަ ކަންތައް ހުއްޓުވުމަށް ބޭނުންވާ ގާނޫނުތައް އެބަހުރި ކަމަށާއި އެހެން ނަމަވެސް ސަރުކާރާއި ސިޔާސީ ބޭފުޅުން ފުލުހުންނަށް ނުފޫޒު ފޯރުވުމުގެ ސަބަބުން ގާނޫނުތައް ތަންފީޒު ނުކުރެވޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

"ސިޔާސީ ނުފޫޒުން އެއްކިބާކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ސަރުކާރުން ފުރުސަތު ދިނުމަށް ގޮވާލަން. ރާއްޖޭގައި އާންމުވެފައިވާ މާރާމާރީއާ، ގެއްލިފައިވާ އަމާން ކަމަށް ހައްލެއް ގެނެވޭނީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ސަރުކާރުން ފުރުސަތު ދީގެން. ފުލުހުންގެ އަތުގައިވާ ވަސީލަތްތައް ސިޔާސީ މީހުންނަށް ފާރަލުމަށް ބޭނުން ކުރުން ހުއްޓާލާ ހަގީގީ މުޖިރިމުން ހޯދުމަށް މަސައްކަތް ކޮށްގެން،" އެމްޑީޕީ އަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ގާނޫނުތަކަށް ގޮންޖަހައި މާލޭގެ މަގުމައްޗަށް ނިކުމެ ފާޅުގައި މާރާމާރީ ހިންގަނީ ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ހިތްވަރު ލިބިގެން ކަމަށެވެ. ރިޔާޒު ވެސް ވިދާޅުވީ އެފަދަ ކަންތައް ހުއްޓުމަކަށް ނުގެނެވި ވަނީ އެކަމަށް ބޭނުންވާ ގާނޫނުތައް ނެތިގެން ނޫން ކަމަށާއި އެއީ ތަންފީޒީ އިދާރާތަކަށް ސިޔާސީ ނުފޫޒު ވަދެފައިވުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާ ގާނޫނަށް ގޮންޖަހާފައި މަގުމައްޗަށް ނިކުމެ މީހުންގެ ފުރާނަ ރެއާއި ދުވާލު އަލިކަމުގައި އެއްވެސް ޖެހިލުމެއްނެތި ހިންގާ ފަރާތްތައް މިހިންގަނީ އެ މީހުންނަށް ކޮންމެވެސް ވަރެއްގެ ހިއްވަރު ތަކެއް ލިބިގެންދާތީ،" ރިޔާޒް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ ޕާލަމެންޓެރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ހުރިހައި ވަސީލަތްތައް ބޭނުންކޮށްގެން އަދި އިންޓަލިޖެންސްގެ އެހީގައި ގޭންގު މާރާމާރީ ހުއްޓުވަން ޖެހޭ ކަމަށާއި އެކަމަށް ފުލުހުންނަށް ދޭންޖެހޭ ހުރިހައި އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް ގޮވާލައްވާ ކަމަށެވެ.

ނިހާން ވިދާޅުވީ ރާއްޖޭގެ މަގުތައް އަމާންތަނަކަށް ހަދައި ޖިނާއީ ބޮޑެތި ކުށްތައް ކުރާ މީހުން ހައްޔަރު ކުރުމަށް ފުލުހުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ފުލުހުންނަށް އެމީހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގެ ފުރުސަތު ފުރިހަމައަށް ދޭން ޖެހޭ ކަމަށައި އެކަން ކުރެވޭނީ އާންމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

މެންބަރުން އިތުރަށް ވިދާޅުވީ ގޭންގު މާރާމާރީ ހުއްޓުވުމަށްޓަކައި ފުލުހުން ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުވެރިކަމުން ސަލާމަތްވާނެ ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ފުލުހުން ޕްރޮފެޝަނަލް ކަމާއިއެކު ގައުމީ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވި އެވެ.