ދުނިޔޭގެ އެކި ގައުމުތަކުގެ ތަރައްގީއަށް އެހީވާ އެޖެންސީއެއްގެ ނަމުގައި އެމެރިކާއިން ހިންގަމުން އަންނަ ޔޫއެސް އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެއިޑް (ޔޫއެންއެއިޑް) އިން ކިއުބާގައި ހަމަނުޖެހުން ހިންގަން އުޅުނުކަން ފަޅާއަރައިފިއެވެ.

އެމެރިކާގެ މަޝްހޫރު ނިއުސްއެޖެންސީ އެސޯސިއޭޓެޑްޕްރެސް (އޭޕީ) ބުނީ ކިއުބާ ސަރުކާރާ ދެކޮޅަށް ތެދުވާނެ ބަޔަކު އުފެއްދުމަށް ޔޫއެސް އެއިޑުން ދެއަހަރު ވަންދެން މަސައްކަތް ކުރި ކަމަށެވެ. އަދި ބުނީ އެމަސައްކަތްތައް ކުރީ ދެކުނު އެމެރިކާ ބައްރުގެ އެކި ގައުމުތަކުގެ ޒުވާނުން ބައިވެރިކޮށްގެން ކަމަށެވެ.

ކިއުބާ ސަރުކާރާ ދެކޮޅަށް ނުކުންނަ ޒުވާނުން އުފެއްދުމުގެ މަސައްކަތް ކޮށްފައި ވަނީ އެޗްއައިވީ އެއިޑްސް އަށް ހޭލުންތެރި ކުރުވުމުގެ ވޯކްޝޮޕްތަކުގެ ނަމުގައި ކަމަށް އޭޕީ އިން ހޯދާފައިވާ ލިޔެކިއުންތަކުން އެނގޭ ކަމަށް އެ އެޖެންސީން ބުންޏެވެ.

އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ ވެރިކަމާ ހަވާލުވެވަޑައިގަތްތާ ކުރީކޮޅު ފެށި އެ އޮޕަރޭޝަނުގައި ވެނެޒުއޭލާއާއި ކޮސްޓާރިކާއާއި ޕެރޫއާއިގެ ޒުވާނުން ބައިވެރިކޮށްފައިވާ ކަން ވެސް އޭޕީން ހޯދާފައިވާ ލިޔެކިއުމާއި ހެކިބަހުން އެނގޭ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. އަދި ބުނީ ޔޫއެސްއެއިޑްގެ ފަރާތުން ކިއުބާއަށް ފޮނުވި އެމެރިކާގެ ކޮންޓްރެކްޓަރު ކިއުބާއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކިއުބާގެ ސިއްރު މައުލޫމާތުތަކެއް ސްމަގުލް ކުރަން އުޅުނު ކަމުގެ ކުށުގައި ކަމަށާއި އޭނާ އަދިވެސް ހުރީ ކިއުބާ ޖަލުގައި ކަމަށް އެ އެޖެންސީން ބުންޏެވެ.

އެކި ގައުމުތަކުގެ ޒުވާނުން ބޭނުންކޮށް ޔޫއެސްއެއިޑުން ހިންގި ކަންތައްތައް އޭޕީން ވަނީ ވަރަށް ތަފުސީލުކޮށް ގެނެސްދީފައެވެ.

ދުނިޔޭގެ ވަރަށް ގިނަ އެހެން ގައުމުތަކެކޭ އެއްގޮތަށް ޔޫއެސް އެއިޑް މެދުވެރިކޮށް އެމެރިކާއިން ރާއްޖޭގައި ވެސް މަޝްރޫއުތައް ހިންގައި އަދި މަޝްރޫއުތަކަށް އެހީތެރިވެދީފައި ވެއެވެ.