މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގަމުން އަންނަ މާލޭގެ މައި ބަނދަރުގެ ހިދުމަތްތަށް 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ.

އެކަމާ ގުޅިގެން މިއަދު އެމްޕީއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑިވިޝަން އިބްރާހިމް އަފްޒަލް ވިދާޅުވީ، މިރޭ 12:00 އިން ފެށިގެން އެމްޕީއެލް ބަނދަރުގެ ހިދުމަތް 24 ގަޑިއިރަށް ދެމުން ގެންދާނެ ކަމަށާއި އެގޮތަށް ހިދުމަތް ދިނުމަށް ނިންމީ ރައްޔިތުންނަށް އަވަސް އަދި ފަސޭހަ ހިދުމަތެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ

އެގޮތުން ބަނދަރުގެ ހިދުމަތް 24 ގަޑި އިރަށް ބަދަލު ކުރުމުން މުދާ ހިފައިގެން އަންނަ ބޯޓް ފަހަރު ބަނދަރުގައި މަޑުކޮށްގެން އޮންނަން ޖެހޭ މުއްދަތު ގާތްގަނޑަކަށް ކުރިޔާ އަޅާ ބަލާއިރު 50 ޕަސެންޓް މަދުވެގެން ދާނެ ކަމަށް އަފްޒަލް ވިދާޅުވި އެވެ.

"މިގޮތަށް ބަދަލުކުރީމަ ބަނދަރުގައި ބޯޓް އޮންނަން ޖެހޭ މުއްދަތު ކުރުވެ ކާގޯ ލިބުން އަވަސް ވެގެން ދާނެ. އަދި މުދާ ކްލިއާ ކުރުމުގައި ވިޔަފާރި ވެރިންނާއި ހިދުމަތް ހޯދާ ރައްޔިތުންނަށް ވެސް ފަސޭހަ އަދި އަވަސް ހިދުމަތެއް ލިބޭނެ،" އަފްޒަލް ވިދާޅުވި އެވެ.

އެމްޕީއެލްގެ ހިދުމަތް 24 ގަޑި އިރަށް ބަދަލު ކޮށްފައިވީ ނަމަވެސް ކޮންމެ ހުކުރު ދުވަހަކު ހުކުރު ވަގުތުގެ ކުރިން ހެނދުނުގެ މަސައްކަތް މެދުކެނޑޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.