04 Aug 2014, 12:39
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ މާރާމާރީތައް ދާއިމީ ގޮތަކަށް ހުއްޓުވައި އެފަދަ ކަންކަމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ފިލުވައިލުމަށް މިހާރަށްވުރެ ފުޅާދާއިރާއެއްގައި މަސައްކަތް ކުރުމަށް ފުލުހުންގެ އެގްޒެކެޓިވް ބޯޑުން ނިންމައިފިއެވެ.
އިއްޔެ އޮތް އެބޯޑުގެ ބައްދަލުވުމުގައި މެމްބަރުން މަޝްވަރާކޮށް ނިންމާފައިވަނީ ރާއްޖޭގައި ހިންގާ މާރާމާރީގެ ނޭދެވޭ އަމަލުތައް ހުއްޓުވައި، އެބިރުވެރިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ހައްލުކޮށް، ދާއިމީ ގޮތެއްގައި އެކަންކަން ހިނގިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރިކަންތައްތައް ބަލައި މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތައް ހިމެނޭ އެހެނިހެން މައްސަލަތަކުގެ ތަހްގީގުވެސް ނިންމައި ވީއެންމެ އަވަހަކަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި، މިހާތަނަށް ޕްރޮސިކިއުޓް ކުރަން ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން ޝަރީއަތަށް ހުށަނޭޅި ހުރި މައްސަލަތައް ޝަރީއަތަށް ހުށަހެޅުން އަވަސްކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.
ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި މެމްބަރުން މަޝްވަރާކޮށް ނިންމާފައިވަނީ މާރާމާރީގެ މައްސަލަތައް ހައްލުކުރުމަށް ދައުލަތުގެ ގުޅުން ހުރި މުއައްސަސާތަކާއި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިތުރުން ކައުންސިލްތަކާއި މަދަނީ ޖަމްއިއްޔާތަކާއެކު މަޝްވަރާކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އިސްދައުރެއް ފުލުހުން އަދާކުރުމަށެވެ. އެގޮތުން ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ މާރާމާރީގެ މައްސަލަތަކަށް އަވަސް އަދި ދާއިމީ ހައްލެއް ގެނައުމަށް ކުރަންޖެހޭ ކަންކަމުގައި ދައުލަތުގެ ބަންޑާރަނައިބާއި ޕްރޮސެކިއުޓާ ޖެނެރަލް އާއެކު މަޝްވަރާކުރުމުގެ އިތުރުން ގުޅުންހުރި އެހެން މުއައްސަސާތަކާއެކުވެސް އަވަސް މަޝްވަރާތަކެއްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް މިހާރަށްވުރެވެސް އިތުރުކޮށް، ކުށްކުރާ ފަރާތްތައް ޖަމާވެ ގޮސްހަދާކަމަށް ފާހަގަ ކުރެވޭ ތަންތަނަށް ޚާއްސަ ސަމާލުކަމެއްދީގެން ބެލެހެއްޓުމާއި، އެފަދަ ތަންތަނުގެ ތެރެއިން ބަލައި ފާސްކުރަން ޖެހޭ ތަންތަން ބަލައި ފާސްކޮށް، ނައްތާލަންޖެހޭ ތަނެއްނަމަ ނައްތާލުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް އެތަންތަން ނައްތާލުމަށްވެސް ވަނީ ނިންމާފައެވެ. އަދި ކުށުގެ ވެށީގައި އުޅޭ ޒުވާނުންނާއި ފުރާވަރުގެ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް މިހާރަށްވުރެ އިތުރުކުރުމަށްވެސް އިއްޔެ ބޭއްވި އެގްޒެކެޓިވް ބޯޑުން ވަނީ ނިންމާފައެވެ.
އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެމްބަރުންވެސް ވަނީ މިދުވަސްވަރު ކުރިޔަށްދާ މާރާމާރީގެ މައްސަލަތާއި ގުޅިގެން ކަންކަން ކުރުމުގައި ގެންނަންޖެހޭ އަވަސް ބަދަލުތަކާއި ދުރު މުސްތަގުބަލަށް ދެމިގެންދާނެ ގޮތަށް މަސައްކަތްތައް ރޭވިގެންދާނެގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް އަށް ލަފާ އަރުވާފައެވެ.