04 Aug 2014, 12:37
ފިޝަރީޒް މިނިސްޓްރީގެ 2009 ވަނަ އަހަރުގެ ކޮމްޕްލެއިންސް އޮޑިޓް ކުރުމަށްޓަކައި ބޭނުންވާ ލިޔުންތައް ހޯދުމަށް އެ މިނިސްޓްރީގައި އެދުމުން އެ ލިޔުންތައް ދީފައިނުވާތީ އޮޑިޓް ނުކުރެވިފައި ވާކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓް އޮފީހުން މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެ މައުލޫމާތުތައް ހޯދުމަށް ފިޝަރީޒް މިނިސްޓްރީއަށް ލިޔުމުން ވެސް އެ މައުލޫމާތުތައް ލިބިފައި ނުވާތީ އެ މަސައްކަތް ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައިވާ ކަމަށެވެ.
ލިޔުންތައް ހޯދުމަށް މަސައްކަތްކުރުމުން އެ ލިޔުންތައް ވަނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ފަޅުރަށެއްކަމުގައިވާ މަނިޔަފުއްޓަށް ފޮނުވާފައިކަމަށް ވުމުން އެލިޔުންތައް ހޯދުމަށް ދަތިތަކަކާ ކުރިމަތިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވާކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.
އެކަމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަބްދުއްﷲ ނަސީރު ފުރަތަމަ ވިދާޅުވީ، އެ މިނިސްޓްރީން އެއްވެސް މައުލޫމާތެއް އޮޑިޓް އޮފީހަށް ނުދީ ނުވާނެ ކަމަށެވެ.
ނަމަވެސް 'ސަން' އިން އިތުރު ސުވާލުތައް ކުރަން ފެށުމުން އޭނާ ވިދާޅުވީ "ތި ވިދާޅުވާ މައްސަލައިގައި ވަރަށް ގިނަ ލިޔެކިޔުންތައް ދީފައިވާނީ، ނުފެނި ހުރި ލިޔުންތައް ވެސް ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ، އެލިޔުންތައްވެސް ފެންނަ ވަރަކުން ދެމުންދާނެ،" ކަމަށެވެ.
އޮޑިޓް ރިޕޯޓްތައް ތައްޔާރުކުރުމަށް އެއްބާރުލުން ނުދޭ ދައުލަތުގެ ބައެއް މުއައްސަސާތައް އެބަހުރި ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މީގެ ކުރިން ވިދާޅުވެފައި ވެއެވެ. އަދި ދައުލަތުގެ އޮފީސްތަކުން މާލީ ބަޔާން ހުށަނޭޅި ނަމަވެސް އެކަމުގައި ފިޔަވަޅު އެޅޭނެ ގޮތެއް ނެތް ކަމަށްވެސް އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވެއެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުން ނިންމާލާފައި ވަނީ އެ މައްސަލައިގައި ފިޝަރީޒް މިނިސްޓްރީ އާއި އޮޑިޓާ ޖެނެރަލް، މާލިއްޔަތު ކޮމެޓިއަށް ހާޒިރު ކުރުމަށް ފާސްކުރުމަށް ފަހު އެެވެ. އެގޮތަށް ފާސްކޮށްފައި ވަނީ އެ ކޮމެޓީގެ އިއްތިފާގުންނެވެ.