04 Aug 2014, 12:22
ގޭންގުތަކުގެ ބޮޑުންނާއި މަސްތުވާތަކެތީގެ ބޮޑުންނާއި ރައީސް އަބްދުﷲ ޔާމީންއާ އެއްވެސް ގުޅުމެއް ނެތް ކަަމަށާއި އެފަދަ ފަރާތްތަކާ ގުޅުން އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ކަަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ ކުރެއްވި ސުވާލަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ހޯމް މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ކުރައްވައި މަސްތުވާތަކެތީގެ ބޮޑުންނާއި ގުޅުން އޮތީ ރައީސް ނަޝީދުއާ ކަަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ކުޑަކަމުދާ އެއްޗިހި މިހާރު ޗެކްކުރި ނަމަވެސް އެމަނިކުފާން ޕޮޒިޓިވް ވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"ރައީސް އަބްދުﷲ ޔާމީންއާ މަސްތުވާތަކެތީގެ ބޮޑުންނާ ގޭންގުތަކުގެ ބޮޑުންނާ އެއްވެސް ގުޅުމެއް ނެތް ގުޅުން އޮތީ ނަޝީދު. އެމަނިކުފާނު ބަނގުރާ ބޭނުންކުރައްވާ. އެމަނިކުފާނުގެ ކުޑަކަމުދާ އެއްޗިހި މިހާރު ޗެކް ކުރިޔަސް ޕޮޒިޓިވް ވާނެ،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، މެމްބަރު ކުރެއްވި ސުވާލަކީ އޭނާ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ހުރެ ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ މާކުރީގެ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ހޯމް މިނިސްޓަރުގެ މަގާމުގެ މައްސޫލިއްޔަތާ ގުޅިގެން ކުރައްވާފައިވާ ސުވާލެއް ނޫން ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
ދުވާލަކު ދެ ފަހަރަށް މަޖިލީހަށް ހާޒިރު ކުރިނަމަވެސް އެމްޑީޕީގެ މެންބަރުންނަށް ދެއްވާނީ އެއް ޖަވާބެއް ކަމަށާއި "އެމްޑީޕީގެ މެންބަރުންގެ އަނގަމަތީގައި މަލަން އެޅިގެންދާނެ" ކަަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މިހާތަނަށް އެމްޑީޕީގެ މެންބަރުން ރަނގަޅު ސުވާލެއް ނުވަތަ އެ މަނިކުފާނުގެ ދާއިރާއާ ގުޅުންހުރި ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މަސައްކަތުގެ ދާއިރާގެ ތެރޭއިން ސުވާލު ކޮށްފައި ވަނީ ހަމައެކަނި ޕީޕީއެމްގެ މެންބަރުން ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ކަމުން ޖެއްސުމުގެ ފާޑަށް ސުވާލު ކުރާނަމަ ޖަވާބު ވެސް ލިބޭނީ އެ މޭރުމުން ކަމަށް އުމަރު ވިދާޅުވި އެވެ.
އެ މަނިކުފާނު މިނިސްޓަރުކަން ކުރައްވަނީ އެމްޑީޕީގެ ދަށުވާން ނޫން ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު މިނިސްޓަރުކަން ކުރަނީ އެމްޑީޕީގެ ދަށުވެގެން ހުންނާކަށް ނޫން. މަޖިލީހަށް ކިތަންމެ ވަރަކަށް ހާޒިރު ކުރިޔަސް، ދުވާލަކު ދެ ފަހަރަށް ހާޒިރު ކޮށް ސުވާލު ކުރިޔަސް، އެމްޑީޕީގެ މެމްބަރުންގެ އަނގަމަތީގައި މަލަން އެޅިގެން ދާންޖެހޭނީ، ޖެއްސުމަށް ސުވާލު ކުރައްވާކަމަށް ވަންޏާ ޖަވާބު އަންނާނީ އެ މޭރުމުން،" މަޖިލީހުގައި މެމްބަރު ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.