ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް އެޓާނީ ޖެނަރަލް އޮފީހުން ނިންމައިފި އެވެ.

އެޓާނީ ޖެނަރަލް އޮފީހުން އިއްޔެ ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އިންތިހާބު ބޭއްވުމަށް ހަމަ ޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން އެ ދުވަހު ހަވީރު 4:30 އަށެވެ. ނަމަވެސް ވޯޓުލާނެ މަރުކަޒުތައް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މާލެ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާނޫނީ ވަކީލުންގެ ރަޖިސްޓްރީ އިއްޔެ ވަނީ އާންމު ކޮށްފަ އެވެ. އެގޮތުން އާންމުކޮށްފައިވާ އެ ރަޖިސްޓްރީއާ ބެހޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން މި މަހުގެ 12 ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ޖޭއެސްސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ހުޅުވާލުމަށްފަހު މާލެ ފިޔަވައި އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެންނެވެ. އެ ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ވޯޓުލުމުގެ ކަންކަން އިންތިޒާމް ކުރުމުގައި ދައުލަތުން އަމަލުކޮށްފައި ވަނީ އިންތިޚާބާ ބެހޭ ގޮތުން އެކުލަވާލާފައިވާ އުސޫލުގެ 11 ވަނަ މާއްދާގެ (ހ)އާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިއުލާންކުރި އިރު ވޯޓުލުމަށް ރަޖިސްޓްރީ ވުމުގެ ދޮރު ބަންދުވެފައިވާ ކަމަށާއި އޭގެ ސަބަބުން ވޯޓުލުމަށް ރަޖިސްޓްރީވާން ބޭނުންވި ބައެއް ވަކީލުންނަށް އެ ފުރުސަތު ގެއްލިފައިވާ ކަމަށް ބެލެވޭނެ ޖާގަ އެބަ އޮތް ކަމަށް ވެސް އެ ހުކުމުގައި ވެއެވެ.

ޖޭއެސްސީ އިންތިހާބަށް ކުރިމަތިލައްވާފައި ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ ފަރާތުން ޖޭއެސްސީއަށް އައްޔަން ކުރެއްވި ލަތީފާ ގާސިމާއި އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ މުހައްމަދު ފަރީދު އާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްގެ އިތުރުން ގާނޫނީ ވަކީލު މ. ބަޑިކުޅިމާގެ، އަނަސް އަބްދުއްސައްތާރު އާއި ގާނޫނީ ވަކީލު މ. މުލައް، ސިތާރާ ވާދީ، މުހައްމަދު ފައިސަލް އެވެ.

އެބޭފުޅުންގެ ތެރެއިން މުހައްމަދު ފަރީދު ވަނީ، އޭނާގެ ނަން އަނބުރައި ގެންދަވަން ނިންމަވައި، އެކަން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ އޮފީހުން ބުނެފައި ވަނީ، އިންތިހާބު ފެށެން ކައިރި ވެފައި ވާތީ، ނަން އަނބުރާ ނުގެންދެވޭނެ ކަމަށެވެ.