މަސްތުވާ ތަކެތީގެ މައްސަލަ އެއްގައި ތ.ވޭމަންޑޫ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މިއަދު ހެނދުނު ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ އައްޑު އަތޮޅު ހިތަދޫ ޒުވާނެއް ކަން ސަން އޮންލައިން އަށް ވަނީ ކަށަވަރުވެފަ އެވެ.
އެއީ ސ.ހިތަދޫ ރަތްވިލާގެ އަބުދުލް ބާސިތު އަބުދުﷲ ޒުބެއިރު،20 އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 20 އަހަރުގެ އެ މީހާއާ އެކު އުމުރުން 24 އަހަރުގެ މީހަކު ރޭ 10 ޖަހާކަން ހާއިރު ހައްޔަރު ކުރީ ވޭމަންޑޫ ހޮސްޕިޓަލުގެ ފާހާނާ ތެރޭ މަސްތުވާތަކެތި ބޭނުން ކުރަން އުޅޭ ކަމުގެ ރިޕޯޓް ލިބިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެމީހުންގެ އަތުން މަސްތުވާތަކެތި ފެނިގެން ކަމަށެވެ.
އަދި އެ މީހާ މަރުވެފައިވާކަން ކަށަވަރުވީ މިއަދު ހެނދުނު ހޭނުލައިގެން ބެލިއިރު ވިންދު ނުޖަހާތީ ޑޮކްޓަރަށް ގެންގޮސް ދެއްކުމުން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް އެއީ ކޮންރަށެއްގެ ބައެއް ކަމެއް ފުލުހުން ނުބެނެ އެވެ.
އެ ދެ މީހުން ވޭމަންޑޫ ގޮސްފައިވަނީ އިއްޔެ އެވެ.